ޔޫއޭއީއަށް ކަނޑައެޅުއްވި އައު ސަފީރު ޠާރިޤް އިބްރާހީމް، އެ ޤައުމުގެ ރައީސަށް ފަތްކޮޅު އަރުއްވައިފި
ދިވެހިރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޠާރިޤް އިބްރާހީމް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އަރުއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ޔޫ.އޭ.އީގެ ރިޔާސީ ގަނޑުވަރު، ޤަޞްރު އަލް ވަޠަންގައެވެ. ފަތްކޮޅު އެރުވުމުގެ މި ރަސްމިއްޔާތުގައި، ސަފީރު ޠާރިޤް އިބްރާހީމް މަޤާމުގެ މަސްއޫލިއްޔަތާ ރަސްމީކޮށް ޙަވާލުވެވަޑައިގަތުމާ ގުޅިގެން ޔޫ.އޭ.އީގެ ރައީސް ވަނީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ސަފީރުކަމުގެ ދައުރުގައި ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ޠާރިޤް ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި އެންމެހައި ރައްޔިތުންގެ ނަންފުޅުގައި، ޔޫ.އޭ.އީގެ ރައީސަށާއި އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގާތްގުޅުން އިތުރަށް ބަދަހިކުރައްވައި، އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ދިވެހިރާއްޖެއާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 15 މާރިޗު 1978 ގައެވެ. ސަފީރު ޠާރިޤް އިބްރާހީމަކީ ރާއްޖެއިން ޔޫ.އޭ.އީއަށް ކަނޑައެޅުއްވި 7 ވަނަ ސަފީރެވެ.
ރިއެކްޝަންސް





