ޖަޕާނުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ފުރުސަތުތައް ދައްކާލުމަށް ޚާއްސަ ވެބިނާއެއް ބާއްވަނީ
ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކާއި ރާއްޖޭގެ ވިޔަފާރީގެ މާހައުލާ ގުޅޭ މަޢުލޫމާތު ޖަޕާނުގެ ވިޔަފާރިވެރިންނަށް ހިއްސާކުރުމަށްޓަކައި ޚާއްސަ ވެބިނާއެއް ބޭއްވުމަށް ނިންމައިފިއެވެ.
ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީ އާއި ޖަޕާން އެކްސްޓަރނަލް ޓްރޭޑް އޮގަނައިޒޭޝަން (ޖެޓްރޯ) ގުޅިގެން ބާއްވާ މި ވެބިނާ އޮންނާނީ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް، ކުރިއަށް އޮތް ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. ޖެޓްރޯއަކީ ޖަޕާނުގެ ވިޔަފާރިތަކުން ބޭރު ޤައުމުތަކުގައި އިންވެސްޓްކުރުމާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ އެ ޤައުމުގެ ރަސްމީ ޖަމިއްޔާއެވެ.
މިކަމާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، "މޯލްޑިވްސް އިންވެސްޓްމަންޓް ވެބިނާ" އަށް ޖަޕާނުގެ ވިޔަފާރިތަކަށް ދައުވަތު ދީފައިވާ ކަމަށާއި، ބައިވެރިވާނެ ފަރާތްތައް ހޯދުމުގެ މަސައްކަތް ޖެޓްރޯއިން ކުރަމުންދާ ކަމަށެވެ.
ސަފީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެގެވުމުގެ މަތީން ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލަކަށް ހެދުމަށް ޤާނޫނުތަކަށް ގެނެސްފައިވާ ބަދަލުތަކާއި، މިހާރު ހުރި ވިޔަފާރީގެ ފުރުސަތުތައް މި ވެބިނާގެ ތެރެއިން އިންވެސްޓަރުންނަށް އޮޅުންފިލުވައިދެވޭނެ ކަމަށެވެ.
މި ވެބިނާގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރު (އިރުތިޝާމް އާދަމް) އާއި، ސަފީރު މަޚްލޫފްގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާހަކަފުޅު ދައްކަވާނެއެވެ. މީގެ އިތުރުން ޖެޓްރޯ، ޖަޕާނުގެ އިކޮނޮމިކް މިނިސްޓްރީ އަދި ޖައިކާ (JICA) ގެ އިސްވެރިންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ވެބިނާ އިންތިޒާމުކުރުމުގައި ޖެޓްރޯއިން ވެދޭ އެހީތެރިކަމަށް ސަފީރު މަޚްލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި އަހަރުގެ ޖަނަވަރީ މަހު ސަފީރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަޝްވަރާތަކުގެ ތެރެއިން މިފަދަ ފުރުސަތެއް ފަހިވުމަކީ ލިބުނު ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ސަފީރުގެ އުންމީދަކީ މި ވެބިނާގައި ޖަޕާނުގެ ގިނަ އަދަދެއްގެ އިންވެސްޓަރުން ބައިވެރިވެ، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޝައުޤުވެރިކަން ފާޅުކުރުމެވެ.
ރިއެކްޝަންސް





