ނަރުހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ނަރުހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

19 minutes ago - 19:57
Advertisement
Advertisement

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ނަރުހުންގެ މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ހައްލުކޮށްދެއްވައި، އިންސާފުވެރި އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ، އާންމުންގެ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ސީދާ ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 14 ވަނަ އެޕިސޯޑުގައި ނަރުހަކު ހިއްސާކުރި ޝަކުވާތަކަށް ޖަވާބުދެއްވަމުންނެވެ.


އެ ޕްރޮގްރާމުގައި ވާހަކަދެއްކި ނަރުސް ވަނީ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގެ ވަޒީފާގެ މާހައުލުގައި ތަފާތުކުރުންތައް އިންތިހާއަށް އޮތްކަން ފާހަގަކޮށްފައެވެ. އަދި ނަރުހުންނަށް ދިމާވާ މައްސަލަތަކުގައި އިންސާފު ހޯދުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވާ ކަމަށާއި، މުވައްޒަފުންގެ ޝަކުވާތަކަށް މެނޭޖްމަންޓުގެ އިސްވެރިންގެ ފަރާތުން އެކަށީގެންވާ ސަމާލުކަމެއް ނުދޭކަމަށް އޭނާ ބުންޏެވެ. މީގެއިތުރުން، ބައެއް ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ އިސް މަގާމުތަކުގައި ނަރުހުންގެ މަސައްކަތުގެ ބުރަކަމާއި ވައްޓަފާޅި އެނގިވަޑައިނުގަންނަވާ ބޭފުޅުން ތިއްބެވުމުގެ ސަބަބުން، ޒިންމާތައް އަދާކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ވެސް ފާހަގަކުރިއެވެ.


އައިޖީއެމްއެޗް ފަދަ ބޮޑެތި ހޮސްޕިޓަލްތަކުގައި ވެސް މިފަދަ މައްސަލަތައް އިންތިހާއަށް އެބަހުރިކަން ހާމަކޮށް، އޭނާ ވަނީ މިކަންކަން ހަރުދަނާ އުސޫލެއްގެ ތެރެއިން ބަލައި، ހައްލުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލާފައެވެ.


އެ ކަންބޮޑުވުންތަކަށް އިޖާބަދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނަރުހުންނަކީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ނުހަނު އަގުހުރި، ބުރަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ ބައެއް ކަމަށެވެ. އެހެންކަމުން، އެ ބޭފުޅުންގެ މަސައްކަތުގެ މާހައުލުގައި ހުރި މައްސަލަތަކަކީ ސަރުކާރުން ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


މީގެއިތުރުން، ސިއްހީ ޚިދުމަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީ، މުވައްޒަފުންގެ ޝަކުވާތައް އަޑުއަހައި ދެފުށް ފެންނަ އިންސާފުވެރި ނިޒާމެއްގެ ތެރެއިން ޖަވާބުދާރީވާނެ ހަރުދަނާ އުސޫލުތަކެއް ތަންފީޒުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

                    

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement