މި އަހަރުގެ ބަޖެޓަކީ ކޮންމެ ރަށަކަށް އެތިކޮޅެއް, އެތިކޮޅެއް ދޭގޮތަށް ހަދާފައި އޮތް ބަޖެޓެއް- ވަޒީރު މުއްޠަލިބު
މިހާރު އޮތް ބަޖެޓަކީ ކޮންމެ ރަށަކަށް އެތިކޮޅެއް, އެތިކޮޅެއް ދޭގޮތަށް ހަދާފައި އޮތް ބަޖެޓެއް ކަމަށް ކޮންސްތްރަކްޝަން މިނިސްޓަރ ޑރ.އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ސުވާލުކުރެއްވީ އެފަދަ ބަޖެޓަކުން ކަންތައްތައް ކުރާނީ ކިހިނެއްތޯ އެވެ.
ވަޒީރު ވިދާޅުވީ ބަޖެޓް އޮތީ އެއް ރަށަށް ދެލައްކަ ރުފިޔާ, އަނެއް ރަށަށް ތިން ލައްކަ ރުފިޔާ ދޭ ގޮތަށް ބަހާފައި ކަމަށެވެ. އެގޮތަށް ހެދުމުން އެއްވެސް ރަށެއްގެ މަޝްރޫއެއް ކުރިއަކަށް ނުދާނެކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެމިނިސްޓްރީގައި 39 ބިލިއަން ރުފިޔާގެ މަޝްރޫއު ސޮއިކޮށްފައި އެބަހުރި ކަމަށެވެ. އެކަމަކު އެއީ ދައުލަތުގެ އެއްވެސް ބަޖެޓަކުން ކުރެވޭނެ މަސައްކަތްތަކުގެ އަދަދެއްނޫން ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ތަކުރާރު ކުރެއްވިއެވެ.
" 39 ބިލިއަން ރުފިޔާ އަހަރެއްގެ ތެރޭގައި އާމްދަނީގެ ގޮތުގައިވެސް ނުލިބޭ. އެހެންވީމަ ކިހިނެއްތޯ އަޅުގަނޑުމެން 39 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާނީ. އިއްޒަތްތެރި މެމްބަރުންވެސް އަދި ރައްޔިތުންގެ ވިސްނާލަން ޖެހޭ ކަމެއް މިއީ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 2023 ވަނަ އަހަރު ވަރަށް ބައިވަރު މަޝްރޫއުތަކެއް ސޮއިކޮށް, ފަށާފައި ހުރިނަމަވެސް އެއީ ދައުލަތުގެ ބަޖެޓެއްގެ ތެރެއިން ޚަރަދު ކުރެވޭނެ އަދަދުތަކެއް ނޫން ކަމަށެވެ. ލިބޭ އާމްދަނީއާ ލޯނުގެ ގޮތުގައި ލިބޭ ފައިސާއިން ކުރިއަށް ގެންދެވޭނެ ވަރަކަށް ވިސްނަން ޖެހޭ ކަމަށް މިނިސްޓަރ މުއްޠަލިބު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓް މިހާރު އެކުލަވާލާފައި އެއޮތީ އެންވެލޮޕެއްގެ ތެރެއިން މަޝްރޫއުތައް ކުރިއަށް ގެންދެވޭތޯ ކަމަށެވެ. ކުރިއަށްގެންދަން ފުރުޞަތު ލިބޭ ވަރަކަށް ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދާ ގޮތަށް ކަމަށް ވިދާޅުވިއެވެ. އެކަމަކު އެގޮތަށް ބަޖެޓް އޮތުމުން ކޮން ރަށަކަށް އޮތީ ކޮން މަޝްރޫއެއް ކަން ދުރާލާ ނޭންގޭތީ އެކަންބޮޑުވުން އިދިކޮޅު މެމްބަރުންނާއި, ބައެއް ކައުންސިލްތަކުން ފާޅުކުރެއެވެ.
ރިއެކްޝަންސް