އިނގިރޭސިވިލާތުން ރާއްޖެއަށް 80،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް 80،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، އެ ގައުމަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުގެ ގޮތުގައި ކަނޑައެޅިއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް 80،580 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާ އާއި ރަޝިއާއެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތައް:
ޗައިނާ: 144،931 ފަތުރުވެރިން
ރަޝިއާ: 126،712 ފަތުރުވެރިން
އިނގިރޭސިވިލާތް: 80،580 ފަތުރުވެރިން
ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 951،222 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 992،225 ފަތުރުވެރިންނާ އަޅާބަލާއިރު 4.1 އިންސައްތައިގެ ދަށްވުމެކެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރި ނަމަވެސް، މިހާރު މި އަދަދުތައް ދަނީ އަލުން ރަނގަޅުވަމުންނެވެ.
އެގޮތުން ނިމިދިޔަ މޭ މަހު އެކަނިވެސް ރާއްޖެއަށް 139،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖެ އަންނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ތަންތަނަށް ބަލާއިރު، 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. އަދި ގެސްޓްހައުސްތަކުގައި 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު، ހޮޓެލްތަކުގައި 22،659 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ. މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށްޓަކައި 1،284 ތަނެއް ހުޅުވާފައިވާއިރު، މީގެ ތެރޭގައި ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓެލްތައް އަދި ސަފާރީތައް ހިމެނެއެވެ. މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީ އުޅެނީ 67،000 އަށްވުރެ މަތީގައެވެ.
ރިއެކްޝަންސް





