ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް މިއަހަރު 21 ރަށަކަށް އައު ޖެންސެޓް ފޮނުވައިފި

ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް މިއަހަރު 21 ރަށަކަށް އައު ޖެންސެޓް ފޮނުވައިފި

12 hours ago - 10:08
Advertisement
Advertisement

އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުން، މިއަހަރުގެ މިހާތަނަށް 21 ރަށަކަށް އައު ޖެންސެޓް ފޮނުވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ.


ރަށްރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތެކެވެ. އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބުމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި އޮތްއިރު، މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ފެނަކައިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މިހާތަނަށް ފޮނުވާފައިވާ 21 ޖެންސެޓަކީވެސް މުޅިން އައު ޖެންސެޓްތަކެކެވެ. މީގެ އިތުރުން، އިތުރު 24 ޖެންސެޓް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެ ތަކެތި ލިބުނުހާ އަވަހަކަށް ބޭނުންޖެހިފައިވާ ރަށްރަށަށް ފޮނުވޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް ޖެންސެޓް ފޮނުވާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ:

  • ހއ އަތޮޅު: އުލިގަން
  • ހދ އަތޮޅު: ނާވައިދޫ
  • ށ އަތޮޅު: ނަރުދޫ، ފޭދޫ، ޅައިމަގު، ފީވައް، ގޮއިދޫ
  • ނ އަތޮޅު: ފޮއްދޫ، މަގޫދޫ، ލަންދޫ، ކުޑަފަރި، ހެނބަދޫ
  • ރ އަތޮޅު: ކިނޮޅަސް، ފައިނު، ރަސްގަތީމް، އިންނަމާދޫ
  • ފ އަތޮޅު: މަގޫދޫ
  • ދ އަތޮޅު: ރިނބުދޫ
  • ތ އަތޮޅު: އޮމަދޫ، ގާދިއްފުށި، ކަނޑޫދޫ

ފެނަކައިން ފާހަގަކުރެއްވި ގޮތުގައި، މި ޖެންސެޓްތަކާއެކު ރަށްރަށުގައި ކަރަންޓު މެދުކެނޑުމުގެ މައްސަލައަށް ހައްލެއް ލިބި، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ. "ރާއްޖޭގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ ބޮޑު މަސައްކަތެއް. އަޅުގަނޑުމެންގެ އަމާޒަކީ ފެނަކައަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ހަރުދަނާ ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏަކަށް ހެދުން،" ފެނަކައިން ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކުންވެސް މި މައްސަލަ ހައްލުކުރަން މަސައްކަތް ކޮށްފައިވީ ނަމަވެސް، އެކަށީގެންވާ ނަތީޖާއެއް ނުފެންނާތީ، މިހާރުގެ މެނޭޖްމަންޓުން ދަނީ ރަށްރަށުގެ ހާލަތު ގާތުން ބަލައި، ކަރަންޓުގެ ވިއުގަ ވަރުގަދަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement