ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޖުލައި މަހު ހުޅުވަނީ

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޖުލައި މަހު ހުޅުވަނީ

14 minutes ago - 23:30
May 21, 2026 - 23:35
Advertisement
Advertisement

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަންނަ ޖުލައި މަހުގެ 26 ގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން މިރޭ އަލަށް ގެނެސްދޭން ފެށި "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުޅި ސަރުކާރުގެ ނިޒާމްގެ ތެރޭގައި ހުރި ކަންކަމުގެ ޝަކުވާތަކަށް، 24 ގަޑިއިރު ޚިދުމަތް ދިނުމަށް ޤާއިމްކުރާ މި އޮފީހުގެ އިދާރީ ހުރިހާ މަސައްކަތެއް ވަރަށް ބާރަށް ކުރިއަށް ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ބިއުރޯއަށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭ އައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރާއެކު މި މަސައްކަތް ކާމިޔާބުކަމާއިއެކު ހާސިލްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އެކިދާއިރާތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި
ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ.

އެގޮތުން މިނިސްޓްރީތަކަށް ގެންނެވި ބަދަލާއި އެކު އެކަމުގެ ހެޔޮ ނަތީޖާ ފެނިވަޑައިގަންނަވަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ކުރިން ބޭރުގައި ކިޔަވާ ދަރިވަރުން އެކި ކަންކަމުގައި އެދުމުން އެކަންކަން ފުރިހަމަކުރުމަށް، އެވްރެޖްކޮށް ހަތަރު ހަފްތާ ހޭދަވެފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރު އެ މުއްދަތު ހަތަރު ދުވަހަށް ކުޑަވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ހައްލުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތާއި ގުޅޭގޮތުންވެސް އެމަނިކުފާނު ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިހާރު ބައޯމެޓްރިކްސް ނުނެގިހުރީ އެންމެ އެއް ޕަސެންޓް މީހުންގެ ކަމަށެވެ. މިއީ މިހާތަނަށް ޔޫ.އޭ.އީ އަދި ސިންގަޕޯރ އިން ހޯދާފައިވާ ކުރިއެރުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރުގެ ދެއަހަރާއި ބައިގެ ތެރޭގައި ބާރަ ހާހަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓްކޮށްފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ މި މަސައްކަތުގައި ހަރަކާތެރިވި އެކި ފަރާތްތަކުގެ ބުރަ މަސައްކަތުން ހޯދި ކާމިޔާބީއެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިސާރުކާރުން އަލުން އަތޮޅު އޮފީސްތައް އިޔާދަކުރައްވަން އުޅުއްވާކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެތަންތަނަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ ( އެލް.ޖީ.އޭ ) ގެ ސެކްޝަން ތަކެއްގެ ގޮތުގައި ހިންގަވާ ތަންތަން ކަމަށާއި، އެ އޮފީސްތަކަށް އަތޮޅުވެރިން ނުވަތަ، ގަވަރުނަރުން ފަދަ އެއްވެސް ސިޔާސީ ވެރިޔަކު ނުލައްވާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަރައްޤީއާއި ޞިއްޙީ އަދި އިޖުތިމާޢީ މައްސަލަތަކާއި ގެދޮރުވެރިކަމާއި ސަރުކާރުން ކުރިއަށްގެންދާ ވަޠަނީ ޚިދުމަތާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement