ޕެންޝަނާބެހޭ ޤާނޫނަށް ގެނައި އިޞްލާޙުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް (ޤާނޫނު ނަންބަރު 8/2009) 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ 2026 މޭ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި އިޞްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ އަސާސީ ޕެންޝަނުގެ އުސޫލުތައް މުރާޖާކުރުމާއި، ޕެންޝަން ފަންޑުގައިވާ ފައިސާ ބޭނުންކުރެވޭނެ އިތުރު ހާލަތްތައް ކަނޑައަޅައި، ޕެންޝަން އޮފީހާއި ޕެންޝަން ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.
މި ބިލުގައި ހިމެނޭ ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަށް ދެވޭ އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އަސާސީ ޕެންޝަން ލިބިނުދެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، ގެދޮރު ޢިމާރާތްކުރުމާއި މަރާމާތުކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ އިންތިޒާމު މި ބިލުން ވަނީ ފަހިކޮށްދީފައެވެ.
އިންސާނީ އެހީތެރިކަމުގެ ގޮތުން ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ފަރުވާ ނުކުރެވޭ ފަދަ ބޮޑު ބައްޔެއް (ޓަރމިނަލް އިލްނަސް) ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެ އުސޫލުތައް ވަނީ ހިމަނާފައެވެ. އަދި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ކުރިޔާލައި ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަމަށްވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.
ޕެންޝަން ނިޒާމު ހިންގުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު ބަދަލުތަކެއް ހިމެނޭ މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާ ގުޅިގެން، މި އިޞްލާޙުތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
ރިއެކްޝަންސް





