ބިދޭސީން ސޯޝަލް މީޑިއާގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލަ ޓާސްކްފޯހުން ބަލަން ފަށައިފި

ބިދޭސީން ސޯޝަލް މީޑިއާގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލަ ޓާސްކްފޯހުން ބަލަން ފަށައިފި

17 minutes ago - 19:51
Advertisement
Advertisement

ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދާ މައްސަލަ، ސަރުކާރުގެ ޚާއްޞަ ޓާސްކްފޯހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފިއެވެ.


ފަހަކަށް އައިސް، ހާއްސަކޮށް ޓިކްޓޮކާއި އިންސްޓަގްރާމް އަދި ފޭސްބުކް ފަދަ މަންސަތަކުގައި ޕޭޖުތައް ހަދައިގެން، ބިދޭސީން އަމިއްލައަށް އިސްނަގައިގެން ވިޔަފާރިކުރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން ފެހުމާއި ތައްޔާރީ ހެދުން ވިއްކުމުގެ އިތުރުން، ކޭކާއި ތަފާތު ވައްތަރުގެ ހެދިކާ، އަދި ކާބޯތަކެއްޗާއި ހަދިޔާ ޕެކެޓުތައް ތައްޔާރުކޮށްގެން އޮންލައިންކޮށް ވިއްކުން ފަދަ ވިޔަފާރިތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ދަނީ ހަރަކާތްތެރިވަމުންނެވެ.


މިކަމުގެ ސަބަބުން ގޭގައި ތިބެގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ދިވެހިންނަށް، ޚާއްޞަކޮށް ދިވެހި އަންހެނުންގެ އާމްދަނީއަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއްކޮށް، އެ މީހުންގެ ވިޔަފާރީގެ ފުރުސަތުތައް ގެއްލެމުންދާތީ އާންމުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.


މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި ސްޕޯކްސްޕާސަން ފާތިމަތު ރިފާތު ވިދާޅުވީ، ސޯޝަލް މީޑިއާގައި ބިދޭސީން އަމިއްލައަށް ހިންގާ ވިޔަފާރިތަކުގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ބިދޭސީން މިފަދަ ގޮތްގޮތަށް އަމިއްލައަށް ވިޔަފާރިކުރުމަކީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް ކަނޑައެޅިގެން މަނާކުރާ ކަމެއްކަން ފާހަގަކުރައްވައި، ރިފާތު ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކުލަވައިލާފައިވާ ޚާއްޞަ ޓާސްކްފޯހުން މި މައްސަލަ ވަރަށް ބޮޑަށް ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ އެންމެ މުހިންމު އެއް ސިޔާސަތަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން، ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށާއި، އެފަދަ އަމަލުތަކުގައި ބައިވެރިވާ ބިދޭސީން އަތުލައިގަނެ، އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ ވަރުގަދަ އޮޕަރޭޝަންތައް މިހާރު ވެސް ދަނީ ހުއްޓުމެއްނެތި ބާރަށް ކުރިއަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement