އަންނަ އަހަރުން ފެށިގެން ރާއްޖޭގެ އިގްތިސާދު ރަނގަޅުވާނެ ކަމަށް އައިއެމްއެފްއިން ލަފާކޮށްފި

އަންނަ އަހަރުން ފެށިގެން ރާއްޖޭގެ އިގްތިސާދު ރަނގަޅުވާނެ ކަމަށް އައިއެމްއެފްއިން ލަފާކޮށްފި

8 hours ago - 14:41
Advertisement
Advertisement

މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މަޑުޖެހުމަކަށް އައި ނަމަވެސް، އަންނަ އަހަރުން ފެށިގެން ރާއްޖޭގެ އިގްތިސާދު އަލުން ރަނގަޅުވާން ފަށާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.


މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު އައިއެމްއެފްގެ ވަފުދުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، މިއަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެއް އިންސައްތައަށް މަޑުޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް، 2027 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިގުތިސާދު އަލުން ކުރިއަރަން ފަށައި، މެދު ރާސްތާގައި ކުރިއެރުން ގާތްގަނޑަކަށް ހަތަރު އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.


އައިއެމްއެފްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭރުގެ ދަރަނިތައް ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން އިމްޕޯޓަށް ކުރާ ހޭދަ އިތުރުވެ، ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވަމުންދާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.


ދައުލަތުގެ ބަޖެޓް ޑެފިސިޓާއި އާންމު ދަރަނި އަދިވެސް ހުރީ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ކަމަށް ބަޔާންކުރަމުން އައިއެމްއެފްއިން ބުނީ، މިއީ އަދި ރާއްޖެއަށް "ހިންދެމިލެވެން" އޮތް ވަގުތެއް ނޫން ކަމަށެވެ. އެހެންކަމުން، ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މުހިންމު އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ލަފާދީފައެވެ.


އެގޮތުން ހުށަހަޅާފައިވާ ބައެއް ކަންކަމުގެ ތެރޭގައި، ސަބްސިޑީ މުރާޖައާކުރުން ހިމެނެއެވެ. އެގޮތުން މުއްސަނދިންނާއި ފަގީރުންނަށް ހަމަހަމަޔަށް ދެމުން އަންނަ ސަބްސިޑީތައް ހުއްޓާލައި، ހަމައެކަނި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އަމާޒުކޮށް ސަބްސިޑީ ދޭން ފެށުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިސްލާހުކޮށް، ދައުލަތަށް ކުރިމަތިވާ މާލީ ބުރަ ކުޑަކުރުމުގެ އިތުރުން، ތެލަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން އިތުރުކުރުން ހިމެނެއެވެ. 

މީގެ އިތުރުން، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަންތައް އަލުން ފެށުމަށް ނިންމި ނިންމުމަށް އައިއެމްއެފްއިން ވަނީ މަރުހަބާ ކިޔާފައެވެ. އައިއެމްއެފްއިން ބުނި ގޮތުގައި، ސިޔާސީ ގޮތުން އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ކަމުގައިވީ ނަމަވެސް، މުޅި ގައުމުގެ ފައިދާއަށްޓަކައި އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުން މިވަގުތަށް މަޖުބޫރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަނގަޅު ސިޔާސަތުތަކާއެކު ކުރިއަށް ގޮސްފިނަމަ، ދުނިޔޭގެ ބާޒާރުގެ ނުތަނަވަސްކަމުގެ ތެރެއިންވެސް ރާއްޖެއަށް އަމާން އައްސޭރިއަކަށް ދެވޭނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement