ޕޭޕަލްއާއެކު އިތުރު ޑިޖިޓަލް ޕްލެޓްފޯމްތައް ރާއްޖެއަށް ތައާރަފްކުރަން ސަރުކާރުން ރާވަނީ: މިނިސްޓަރު ސައީދު

ޕޭޕަލްއާއެކު އިތުރު ޑިޖިޓަލް ޕްލެޓްފޯމްތައް ރާއްޖެއަށް ތައާރަފްކުރަން ސަރުކާރުން ރާވަނީ: މިނިސްޓަރު ސައީދު

8 hours ago - 14:57
Advertisement
Advertisement

ރާއްޖޭގައި ޕޭޕަލް (PayPal) ގެ ހިދުމަތް ރަސްމީކޮށް ފެށުމާއެކު، ކުރިމަގުގައި ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ބައިނަލްއަގުވާމީ މިފަދަ އިތުރު ޑިޖިޓަލް ޕްލެޓްފޯމްތައް ރާއްޖެއަށް ތައާރަފްކުރުމަށް ސަރުކާރުން ރާވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.


ދައުލަތުގެ މީޑިއާގައި ރޭ ބޭއްވި މައުލޫމާތު ދިނުމުގެ ފޯރަމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިގްތިސާދު ޒަމާނީކޮށް ބަދަލުކުރުން ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.


ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކޮށްފައިވަނީ ސަރުކާރާއި އުރީދޫ މޯލްޑިވްސް ގުޅިގެން، އުރީދޫގެ އެމް-ފައިސާ (m-Faisaa) މެދުވެރިކޮށެވެ. މި ހިދުމަތް ފެށުމާއެކު ޕޭޕަލް ބަލައިގަންނަ ބައިނަލްއަގުވާމީ ވިޔަފާރިތަކުން ތަކެތި ގަތުމުގެ އިތުރުން، ދިވެހި ވިޔަފާރިވެރިންނަށް ބޭރުގެ ކަސްޓަމަރުންނަށް ތަކެތި ވިއްކައި ފައިސާ ހޯދުމުގެ މަގު ވަނީ ފަހިވެފައެވެ. އަދި ޕޭޕަލް އާއި އެމް-ފައިސާ އެކައުންޓާ ދެމެދު ފައިސާ ޓްރާންސްފާ ކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ.


"މިހާރު ޕޭޕަލް ރާއްޖެއަށް ތައާރަފްވެގެން މިދިޔައީ. އެހެންވީމަ ރާއްޖޭގެ ފްލެގް އިންނާނެ ޕޭޕާލްގައި. އަދި ޕޭޕަލްގެ ފްލެގް ރާއްޖޭގެ އިކޮނޮމީގައި ބިންވަޅު ނެގިގެން އެދިޔައީ. ޕޭމަންޓްސް ރިސީވްވާނެ. ރިއަލްޓައިމް ސީމްލެސްކޮށް މަސައްކަތްވެސް ކުރާނެ. ވަރަށް ބޮޑު ކުރިއެރުމެއް ހަގީގަތުގައި ފަހިވެގެން މިދިޔައީ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.


ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ޑިޖިޓަލް އިގްތިސާދުން ހިއްސާކުރުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި އަމާޒަށް ވާސިލްވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައިނަލްއަގުވާމީ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އިތުބާރު މިހާރު ރާއްޖެއަށް ވަނީ ލިބިފައެވެ.


ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކައި ފައިސާ ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. މިއީ ރާއްޖެ ބައިނަލްއަގުވާމީ ޑިޖިޓަލް އިގްތިސާދާ ގުޅުވައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement