ތިލަމާލެ ބްރިޖާއި ތިލަފުށި ބަނދަރު އަންނަ އަހަރަށް ނިންމަނީ

ތިލަމާލެ ބްރިޖާއި ތިލަފުށި ބަނދަރު އަންނަ އަހަރަށް ނިންމަނީ

1 hour ago - 10:01

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ނުވަތަ ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައި، 2027 ވަނަ އަހަރުގެ ނިޔަލަށް އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން އަމާޒު ހިފައިފި އެވެ.


މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހަށް ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ބަޖެޓު ބަޔާން އިއްވަވަމުން މިނިސްޓަރު ވިދާޅުވީ، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި އެއްފަސްކޮށް ގުޅާލެވޭ މި ބްރިޖުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތަކަށް އާ ދިރުމެއް ލިބި، ލޮޖިސްޓިކްސް އަށާއި މުދާ އުފުލުމުގެ ވިޔަފާރިތަކަށް އިންގިލާބީ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.


މިނިސްޓަރުގެ ވާހަކަފުޅުގައި، މިއަދު މާލެ ސަރަހައްދުގައި އެންމެ އިސްކަމެއް ދީގެން ސަރުކާރުން ކުރިއަށްގެންދާ އެއް މަޝްރޫއަކީ ގްރޭޓަރ މާލެ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުކަން ފާހަގަކުރެއްވި އެވެ. އަދި މީގެ ކުރީގެ އެކި ސަރުކާރުތަކުން އެކަމާ މެދު މަޝްވަރާކޮށް ވާހަކަ ދެއްކި ނަމަވެސް އެއްވެސް އަމަލީ ނަތީޖާއެއް ފެނިފައި ނުވާ ކަމަށާއި، ނަމަވެސް މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ 2025 ވަނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން މި ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމައި އޮޕަރޭޝަނަލައިޒް ކުރުމެވެ.


މާލޭގެ ވިޔަފާރި ބަނދަރާ އަޅާބަލާއިރު ތިލަފުށީ ބަނދަރުގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެކަން ތަފާސްހިސާބުތަކުން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ:

މާލޭ ބަނދަރުގެ 5 ހެކްޓަރުގެ ބަދަލުގައި، ތިލަފުށީ ބަނދަރު ގާއިމުކުރަނީ 60 ހެކްޓަރުގެ ބޮޑު ސަރަހައްދެއްގަ އެވެ.
މާލޭގެ 101 މީޓަރުގެ ކީވޯލްގެ ބަދަލުގައި، ތިލަފުށީ ބަނދަރު ހުޅުވާއިރު 375 މީޓަރުގެ ކީވޯލެއް އޮންނާނެ އެވެ. އަދި މުޅި މަޝްރޫއު ނިމޭއިރު 1.4 ކިލޯމީޓަރުގެ ބައިނަލްއަގުވާމީ ފެންވަރުގެ ކީވޯލެއް ގާއިމުކުރެވޭނެ އެވެ.
މާލޭގެ 9.7 މީޓަރުގެ ފުންމިނުގެ ބަދަލުގައި، ތިލަފުށީގެ ކޮންޓެއިނަރު ބާލާ ސަރަހައްދުގެ ފުންމިނުގައި 14.6 މީޓަރު ހުންނާނެތީ، މުދާ އުފުލާ ބޮޑެތި ބޯޓުފަހަރަށް ސީދާ ބަނދަރަށް ކައިރިކުރެވޭނެ އެވެ.
މާލޭ ބަނދަރުގައި އަހަރަކު 80,000 ކޮންޓެއިނަރު ހޭންޑްލް ކުރެވޭއިރު، ތިލަފުށީ ބަނދަރު ހުޅުވާއިރު 390,000 ކޮންޓެއިނަރު އަދި މުސްތަގުބަލުގައި އަހަރަކު 1.28 މިލިއަން ކޮންޓެއިނަރު ކްލިއާ ކުރެވޭ މިންވަރަށް އޮޕަރޭޝަން ފުޅާކުރެވޭނެ އެވެ.


ބޯޓުފަހަރުން މުދާ ބޭލުމަށް މިހާރު ހޭދަވާ 9 ދުވަހާއި 14 ދުވަހުގެ މުއްދަތު، މި ބަނދަރާއެކު 3 ދުވަހަށްވުރެ ކުރު މުއްދަތަކަށް އަވަސްވެގެންދާނެ އެވެ.

މި މަޝްރޫއުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ، މީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމަށް ބޮޑެތި ފަސޭހަތަކެއް ލިބި، މުދާ އެތެރެކުރުމަށް ހިނގާ ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ. އަދި އޭގެ ހެޔޮ އަސަރު އާންމުންގެ ދިރިއުޅުމަށް ކޮށް، ބާޒާރުގައި ތަކެތީގެ އަގު ހެޔޮކުރުމަށް މަގުފަހިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެއިތުރުން، މާލޭގެ ޖާގަދަތި މަގުތަކާއި ގުދަންތަކުގެ ބަދަލުގައި، ތިލަފުށީގެ ފުޅާ މަގުތަކާއި ތަނަވަސް ވެއާހައުސްތަކުގެ ސަބަބުން މުދާ ރައްކާކުރުމާއި ދައުރުކުރުމަށް ބޮޑު ލުޔެއް ލިބި، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ސަރަހައްދު ތަރައްގީކުރަނީ ވިޔަފާރިތަކަށް ހާއްސަ ޒަމާނީ ކޮމާޝަލް އޭރިއާތަކާއެކު ކަމަށްވާތީ، މިއީ ވިޔަފާރިވެރިންނަށާއި މުޅި ގައުމުގެ އިގްތިސާދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފަ އެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow