ތަމްރީނުވާ ނަރުހުންގެ އަދަދާ އަޅާބަލާއިރު ޚިދުމަތަށް ނިކުންނަ ދިވެހި ނަރުހުން މަދުވުމަކީ ކަންބޮޑުވުމެއް: ސީއީއޯ ހަލީމް
ޞިއްޙީ ދާއިރާއިން ތަމްރީނުވާ ނަރުހުންގެ އަދަދާ އަޅާބަލާއިރު، އަމަލީ ގޮތުން ޚިދުމަތާ ގުޅޭ ދިވެހި ނަރުހުންގެ އަދަދު މަދުވުމަކީ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ނަރުހުންގެ ޚިދުމަތަކީ ޞިއްޙީ ނިޒާމުގެ އެންމެ މުހިންމު އެއް ތަނބު ކަމަށާއި، ބަލިމީހާ ހޮސްޕިޓަލަށް އަންނަ ހިސާބުން ފެށިގެން ޑިސްޗާޖު ކުރަންދެން އޯގާތެރިކަމާއެކު އެންމެ ގާތުން ޚިދުމަތްދޭ ބަޔަކީ ނަރުހުން ކަމަށެވެ. އެހެންކަމުން، މި ދާއިރާއިން ފަރުވާތެރިކަމާއެކު ތަޢުލީމު ހާސިލްކުރުމަކީ އިންސާނުންގެ ފުރާނައާ ގުޅިފައިވާ މި މަތިވެރި ޚިދުމަތަށް ނިކުންނައިރު އޭގެ ފައިދާ ފެންނާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަރުހުންގެ ދައުރު ފުޅާވަމުންދާއިރު، ޚިދުމަތާ ގުޅޭ ދިވެހި ނަރުހުން މަދުވުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ސީއީއޯ ވިދާޅުވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޚިދުމަތްތައް ފުޅާކުރުމަށް ނަރުހުން ހޯދަން ކުރި އިޢުލާނުތަކަށް އެކަށީގެންވާ ވަރަށް ދިވެހިން ނުލިބުމުން، ފާއިތުވި ދެ އަހަރު ތެރޭގައި ރާއްޖޭން ބޭރުން 75 ނަރުހުން ރެކްރޫޓްކުރަން ޖެހުނު ކަމަށެވެ.
"އަޅުގަނޑުގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ތަމްރީނުވާ ނަރުހުންގެ އަދަދާއި އަޅާބަލާއިރު ޚިދުމަތާއި ގުޅޭ ނަރުހުންގެ އަދަދު މަދުވުން. ޚިދުމަތާއި ގުޅުމަށްފަހުވެސް ވަޒީފާގައި ދެމިތިބޭ ނަރުހުންގެ ނިސްބަތް ދަށްކަން ފާހަގަކޮށްލަން،" އިބްރާހީމް ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން އަލަށް ޤާއިމްކުރާ ހޮސްޕިޓަލްތަކާއި، ޖީޕީ ކްލިނިކްތަކުގެ އިތުރުން ވިލިމާލޭގައި އަލަށް ބިނާކުރާ ހޮސްޕިޓަލުގައިވެސް ދިވެހި ނަރުހުން ޚިދުމަތުގައި ތިބުމަކީ އުންމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސީއީއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފުރަތަމަ ޑިގްރީއަށްފަހު ވަކި ޚާއްސަ ދާއިރާތަކުން ތަމްރީނުވެ ސްޕެޝަލައިޒްވާ ނަރުހުންގެ އަދަދުވެސް ރާއްޖޭގައި މަދެވެ. އެހެންކަމުން، ފަންނީ ތަމްރީނުތަކުގެ ފުރުސަތުތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކޮށް، އަމިއްލަ ޤާބިލްކަން އިތުރުކުރުމަށް މެދުކެނޑުމެއް ނެތް މަސައްކަތްތަކެއް ކުރުމަށް ހުރިހާ ނަރުހުންނަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
ރިއެކްޝަންސް

