ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސްކަން ހީނާއަށް، ޒުވާނުންގެ ހަރަކާތުގެ ރައީސްކަން އަބާނަށް!
ރާއްޖޭގެ ވެރިކަންކުރާ އަދި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަންހެނުންގެ ހަރަކާތުގެ ރައީސްގެ މަގާމު ހީނާ ވަލީދު އަދި ޒުވާނުންގެ ހަރަކާތުގެ ރައީސްގެ މަގާމު އިބްރާހިމް އަބާން އަބްދުއްލަތީފް ކަށަވަރު ކުރައްވައިފިއެވެ.
ޕީއެންސީގެ މަތީ މަޖިލިސް ހޮވުމަށްޓަކައި މި މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެތެރޭގެ އިންތިހާބުގައި، އެ ދެ މަގާމަށް އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެ ބޭފުޅުންނަށް ވަނީ އިންތިހާބަކާ ނުލައި މަގާމު ކަށަވަރުވެފައެވެ. އެ އިންތިހާބަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް އެ ޕާޓީން ރޭ ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
އަންހެނުންގެ ހަރަކާތުގެ ރައީސް ކަމުގެ މަގާމު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ކަށަވަރު ކުރެއްވިއިރު، އެ ހަރަކާތުގެ ނައިބު ރައީސްގެ މަގާމު ކަށަވަރުކުރެއްވީ އާމިނަތު ހުސައިން ޝަރީފެވެ. އަދި ސެކްރެޓަރީގެ މަގާމު އާމިނަތު ނާސިހާ އަދި ހަޒާންދާރުގެ މަގާމު ކަށަވަރުކުރެއްވީ އާމިނަތު ޝިޒްލީނެވެ.
ޒުވާނުންގެ ހަރަކާތުގެ ރައީސްގެ މަގާމު އިބްރާހިމް އަބާން އަބްދުއްލަތީފް ކަށަވަރު ކުރެއްވި އިރު، އެ ހަރަކާތުގެ ނައިބު ރައީސްގެ މަގާމު ހަސަން ޝަހީދު، ސެކްރެޓަރީގެ މަގާމު އިސްމާއިލް އަޒްމީ އަދި ހަޒާންދާރުގެ މަގާމު ކަށަވަރުކުރެއްވީ މުހައްމަދު ރިފާއު އެވެ. މި ހުރިހާ މަގާމުތަކަކީ ވެސް އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުން ކަށަވަރުވި މަގާމުތަކެކެވެ.
ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ހަ ބޭފުޅަކު ހޮވުމަށް ހަމަޖެހިފައިވާއިރު، އެ މަގާމަށް އަށް ބޭފުޅަކު ވަނީ ވާދަކުރެއްވުމަށް ނަން ހުށަހަޅުއްވާފައެވެ. ނައިބު ރައީސްކަމަށް ވާދަކުރައްވާ ބޭފުޅުންނަކީ:
އަބްދުﷲ ރާފިއު
މުހައްމަދު ހުސައިން ޝަރީފް (މުންދު)
އަސްމާ ރަޝީދު
ފާތިމަތު ސައުދާ
އިބްރާހިމް ޝުޖާއު
އަހުމަދު ޝިޔާމް
މުހައްމަދު ނިމާލް
މުހައްމަދު ސައީދު
މީގެ އިތުރުން ޕާޓީގެ މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ މަގާމުތަކަށް ބަލާއިރު، 10 އަންހެން މެންބަރުންގެ މަގާމަށް 22 ބޭފުޅަކު، 7 ޒުވާން މެންބަރުންގެ މަގާމަށް 13 ބޭފުޅަކު، އަދި 18 އާންމު މެންބަރުންގެ މަގާމަށް ޖުމްލަ 73 ބޭފުޅުން ވަނީ ވާދަކުރެއްވުމަށް ކުރިމަތިލައްވާފައެވެ.
ރިއެކްޝަންސް

