ސިނަމާލެ ބްރިޖުގައި އުޅަނދެއް ޖެހުނު ނަމަވެސް ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ: މިނިސްޓަރު މުއްތަލިބު
ފޮޓޯ- ދަ ޕްރެސް

ސިނަމާލެ ބްރިޖުގައި އުޅަނދެއް ޖެހުނު ނަމަވެސް ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ: މިނިސްޓަރު މުއްތަލިބު

1 hour ago - 19:59
Advertisement
Advertisement

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގައި އުޅަނދެއް ޖެހި ރޭ ހިނގި ހާދިސާއަކީ ބޮޑު ނުރައްކަލަކުން ކިރިޔާ ސަލާމަތްވި ހާދިސާއެއް ކަމަށާއި، ނަމަވެސް ބްރިޖުގެ މައިގަނޑު ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.


މިނިސްޓަރު މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބްރިޖު އިމާރާތްކުރި ޗައިނާގެ ސެކަންޑް ހާބަރު އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ރޭގައާއި މިއަދު ހެނދުނު ބްރިޖުގެ ހާލަތު އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އެ އިންސްޕެކްޝަނަށްފަހު ބެލިބެލުމުން އެނގުނީ ބްރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި، ލިބިފައިވަނީ ހަމައެކަނި ބޭރު ފަށަލައަށް ލިބުނު ކުދިކުދި ސްކްރެޗްތަކެއް ކަމަށެވެ. އަދި ޗައިނާގެ ހިލޭ އެހީގެ ދަށުން ވެވިފައިވާ މަރާމާތާއި ބެލެހެއްޓުމުގެ އެއްބަސްވުމުގެ ދަށުން އެސްއެޗްއީސީން އެ ބައިތައް މަރާމާތުކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.


މާލެ ސަރަހައްދުގައި އުޅަނދެއް ކޮންޓްރޯލުން ނެއްޓިގެން ދިޔުމަކީ ދެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މުޅި މާލެ ސަރަހައްދުގެ މުހިންމު ވަސީލަތްތަކަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ، މިފަދަ ކަންކަމުގައި ފިޔަވަޅު އަޅަންޖެހޭނީ ހާދިސާއެއް ހިނގުމުގެ ކުރިން ކަމަށެވެ.


އެގޮތުން، މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ކޮންޓްރޯލުން ނެއްޓިގެންދާ އުޅަނދުފަހަރު ބްރިޖާ ހަމައަށް ދިއުމުގެ ކުރިން ހިފެހެއްޓޭނެ ފަދަ ބާރުގަދަ ދެ ޓަގްބޯޓު ގެނައުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރަމުންދާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެ ޓަގްބޯޓުތައް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.


މީގެ އިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުގެ އިންތިޒާމުތައް އިތުރަށް މުރާޖާއާކޮށް، އެމްއެންޑީއެފް ކޯސްޓްގާޑާއި އެހެނިހެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުއާމަލާތްކުރާނެ ނިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު މުއްތަލިބު ވަނީ ފާހަގަކުރައްވާފައެވެ.


ރޭ މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވެ، ކަނޑުގެ އޮއެވަރު ގަދަވުމުގެ ސަބަބުން ބޯޓު އަޅާފައި އޮތް ނަގިލި ކަހައިގެން ގޮސް ބްރިޖާ ދިމާލަށް އޮޔާ ދިއުމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement