މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅު އޮންނާނީ މި ހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ދައުވަތު އަރުވާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ފުޅާކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން ދެ ލީޑަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެއެވެ. މީގެއިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުން އިތުރަށް ބުނެފައިވަނީ، ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1968 ވަނަ އަހަރުގައެވެ. މެލޭޝިއާއަކީ އަބަދުވެސް ދިވެހިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ، އަދި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތަޢުލީމު ޙާޞިލުކުރުމަށާއި، އާއިލީ ޗުއްޓީތަކުގައި ދިވެހިން އެންމެ ގިނައިން ޒިޔާރަތްކުރާ އެއް ޤައުމެވެ.
ރިއެކްޝަންސް





