އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް ސަރުކާރު ބިމުގެ ކުލި ދައްކާކަށް ނުޖެހޭނެ: ރައީސް

އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް ސަރުކާރު ބިމުގެ ކުލި ދައްކާކަށް ނުޖެހޭނެ: ރައީސް

1 hour ago - 15:15

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި ގޮތަށް، އައްޑޫ ސިޓީއަށް ޚާއްސަ އިޤްތިޞާދީ ސަރަޙައްދެއްގެ ގޮތުގައި ހަދައި، އެ ސަރަހައްދުގައި ޤާއިމްވެފައިވާ ވިޔަފާރިތަކަށް ތިން އަހަރު ދުވަހުގެ ޚާއްސަ ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަން މިއަދު އިޢުލާންކުރައްވައިފިއެވެ. އެގޮތުން، ދައުލަތުގެ ބިންތަކުގައި އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކުން ކުލި ދައްކަން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.


މި ނިންމެވުމުގެ ތަފްސީލްތައް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމުގެ ދިނުމުގެ ރަސްމިއްޔާތުގައެވެ. އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން އައްޑުއަތޮޅަކީ، ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވަނީ 2027 އިން 2029 އަށް 3 އަހަރުގެ މުއްދަތަށެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ އައްޑޫއަށް ދެވޭ ލުއިތަކުގެ ތެރެއިން ބައެއް ކަންކަން ހާމަކުރައްވާފައެވެ. އެގޮތުން، ސަރުކާރުގެ ބިމެއް ނަގައިގެން ވިޔަފާރިކުރާނަމަ، މި ތިން އަހަރުގެ މުއްދަތުގައި އެ ބިމުގެ ކުލި އެއްކޮށް މަޢާފްވެގެންދާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.


މި ލުއިތަކުގެ ތެރޭގައި ހިމެނޭ އިތުރު ބައެއް ކަންކަމުގެ ތަފްސީލް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ: "ސަރުކާރުގެ ބިމަކަށް ކުލި ދައްކާކަކަށް ނުޖެހޭނެ. ބީޕީޓީ ނޫނީ އިންކަމް ޓެކްސް ދައްކާކަށް ނުޖެހޭނެ. މިހާރު އާންމުކޮށް މިއޮންނަ 20 ކޯޓާ 30 ކޯޓާއަށް އަހަރީ ފީ ލުއި ވެގެންދާނެ. މިފަދަ އެތަށް ކަންތަތަކެއް ހިމެނޭ. އެސްއެމްއީގެ ބޭނުމަށް އެތެރެކުރެވޭ ވެހިކަލްތަކަށް އަހަރީ ފީ ދައްކަން ނުޖެހޭނެ. މިފަދަ ގިނަ ލުއިތަކެއް އައްޑޫސިޓީގައި ޤާއިމްވެ ތިބެގެން އެސެކްޓަރގައި ވިޔަފާރިކުރާ ފަރާތްތަކަށް އަޅުގަނޑުމެން ދޭން ނިންމާފައިވަނީ."


މި ލުއިތަކުގެ އެންމެ ބޮޑު މަޤްސަދަކީ އައްޑޫ ސިޓީގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ހިތްވަރުދިނުން ކަމަށް ސަރުކާރުން ބުނެއެވެ. މިކަން ކުރުމަށް ނިންމާފައިވާ ގޮތުގެ ތަފްސީލްތައް އިޤްތިޞާދީ ވުޒާރައިން ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާންކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow