ޕީއެންސީގެ ކޮންގްރެސްގެ މަންދޫބުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
ފޮޓޯ: ޕީއެސްއެމް ނިއުސް

ޕީއެންސީގެ ކޮންގްރެސްގެ މަންދޫބުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

6 hours ago - 07:59

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާ މަންދޫބުންނާ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.


މި ހިނގާ މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މަންދޫބުން މިހާރު ވަނީ މާލެ އައިސްފައެވެ. ކޮންގްރެސްގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށް ޕާޓީގެ އެކި ގުނަވަންތައް ތަމްސީލުކުރައްވާ ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރައްވާފައެވެ.


އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އެކި ދާއިރާތަކުގެ ހަރަކާތްތައް ހިންގާ ސްޓިއަރިންގ ކޮމެޓީތަކުގެ ރައީސުންނާއެވެ. އޭގެ ފަހުން ޕާޓީގެ އަންހެނުންގެ ހަރަކާތާއި، ޒުވާނުންގެ ހަރަކާތުގެ ރައީސުންގެ އިތުރުން، ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. އަދި މި ކޮންގްރެސްއަށް ޚާއްޞަ ދަޢުވަތު އެރުވިގެން ވަޑައިގެންނެވި ބޭފުޅުންނާ ވެސް ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.


ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ބޭއްވެވި މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ކޮންގްރެސްގެ ތައްޔާރީތަކާއި، ޕާޓީގެ ކުރިމަގުގެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުޞަތުވެސް މަންދޫބުންނަށް ވަނީ ދެއްވާފައެވެ.


ވެރިކަން ކުރާ ޕާޓީއެއްގެ ލީޑަރަކު، ޕާޓީގެ ބޮޑު ކޮންގްރެސްއެއް ފެށުމުގެ ކުރިން އެ ޕާޓީގެ އެކި ގުނަވަންތަކުގެ މަންދޫބުންނާ މިފަދަ ގޮތަކަށް ބައްދަލުކުރެއްވި މިއީ ފުރަތަމަ ފަހަރުކަން ޕީއެންސީން ވަނީ ފާހަގަކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow