ރާއްޖޭގެ އުމްރާނީ މަޝްރޫޢުތަކަށް ފައިނޭންސިންގ ހޯދުމާ ގުޅޭގޮތުން ސައުދީ ފަންޑާއެކު މާލީ ވަޒީރު މަޝްވަރާކުރައްވައިފި
ދިވެހިރާއްޖޭގެ އުމްރާނީ އެކި މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސިންގ ހޯދުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.މ.ޝ.ޢ) ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު މިއަދު ރަސްމީކޮށް މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ އެސް.އެފް.ޑީގެ ސީ.އީ.އޯ، މިނިސްޓަރ ޒަރީރުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ތަރައްޤީގެ ދާއިރާއިން ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އިސްކަންދޭ އުމްރާނީ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސިންގ ހޯދުމުގެ އިންތިޒާމުތަކުގެ މައްޗަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަރީރު ވަނީ އެސް.އެފް.ޑީ އިން ރާއްޖޭގެ ތަރައްޤީއަށް ޒަމާނުއްސުރެ ދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަމާއި ބަހައްޓަވާ ގާތް ގުޅުން ފާހަގަކުރައްވައި، ސައުދީ ސަރުކާރަށާއި އެ ފަންޑުގެ ވެރިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ 1978 ވަނަ އަހަރު، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ދޫކުރި ފުރަތަމަ ލޯނާ އެކުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެ ފަންޑުން ވަނީ ރާއްޖޭގެ 14 މަޝްރޫޢަކަށް ޖުމްލަ 17 ލޯނު ދޫކޮށްފައެވެ. މިގޮތުން ފޯރުކޮށްދީފައިވާ ފައިނޭންސިންގގެ ޖުމްލަ އަދަދު 488 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުކަން ފާހަގަކޮށްލެވެއެވެ.
އެސް.އެފް.ޑީގެ އެހީތެރިކަން މައިގަނޑު ގޮތެއްގައި ފޯރުކޮށްދީފައިވަނީ ދަތުރުފަތުރާއި، ޞިއްޙީ ދާއިރާއާއި، ބޯހިޔާވަހިކަމުގެ އިތުރުން ސިޓީ ތަރައްޤީކުރުން ފަދަ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު ދާއިރާތަކަށެވެ. އެގޮތުން އެ ފަންޑުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢަށް އެކަނިވެސް އެ ފަންޑުން ވަނީ ގާތްގަނޑަކަށް 217 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިންގ ދޫކޮށްފައެވެ. މީގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ޕްރޮގްރާމަށް 50 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، ހުޅުމާލޭގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށްވެސް އެ ފަންޑުގެ އެހީތެރިކަން ވަނީ ލިބިފައެވެ.
1974 ވަނަ އަހަރު އުފެއްދި ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓަކީ ބައިނަލްއަޤްވާމީ ތަރައްޤީގެ ދާއިރާއިން ސައޫދީ އަރަބިއްޔާގެ ފަރާތުން ހަރަކާތްތެރިވާ މައި މާލީ އިދާރާއެވެ. މި ފަންޑުގެ މައިގަނޑު މަޤްޞަދަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ހިންގާ އުމްރާނީ އަދި އިޖުތިމާޢީ މުހިންމު މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ޤައުމުތަކުގެ ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަށް އެއްބާރުލުން ދިނުމެވެ.
ރިއެކްޝަންސް





