އޮކްޓޯބަރު މަހު މިފްކޯއިން މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފި

އޮކްޓޯބަރު މަހު މިފްކޯއިން މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފި

1 hour ago - 21:50
Advertisement
Advertisement

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް 1،356 ޓަނަށް ވުރެ ގިނަ މަސް ކިރާފައިވާ ކަމަށާއި، އެ މަހަށްވާ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 462 ދޯންޏަކުން ވަނީ 1،356.00 ޓަނުގެ މަސް ކިރުވާފައެވެ. އަދި އެ މަހަށްވާ ފައިސާގެ ގޮތުގައި މަސްވެރިންނަށް ޖުމްލަ 30،038،039.00 (ތިރީސް މިލިއަން ތިރީސް އަށްހާސް ތިރީސްނުވަ) ރުފިޔާ ވަނީ ދޫކޮށްފައެވެ.


އޮކްޓޯބަރު މަހު އެންމެ ގިނައިން ކިރާފައި ވަނީ ކަޅުބިލަމަހެވެ. އެގޮތުން 462 ދޯންޏަކުން 1،354.77 ޓަނުގެ ކަޅުބިލަމަސް ކިރާފައިވާއިރު، އެ މަހަށްވާ 30،007،339.00 ރުފިޔާ މަސްވެރިންނަށް ވަނީ ހަވާލުކޮށްފައެވެ. ކަންނެލީގެ ބާވަތްތަކަށް ބަލާއިރު، 10 ކިލޯއިން މަތީގެ ކަންނެލި އެއްވެސް ދޯންޏަކުން ކިރުވާފައި ނުވި ނަމަވެސް، 15 ކިލޯއިން މަތީގެ 1.23 ޓަނުގެ ކަންނެލި 5 ދޯންޏަކުން ކިރުވާފައިވެއެވެ. އަދި މި ކަންނެއްޔަށްވާ 30،700.00 ރުފިޔާ ވެސް ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.


ފާއިތުވި މަސްތަކުގައި މަސްވެރިންނަށް ދޫކުރި ފައިސާގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހު މިފްކޯއިން ދޫކޮށްފައި ވަނީ 11.3 މިލިއަން ރުފިޔާއެވެ. ނަމަވެސް ޖުލައި މަހު މި އަދަދު ބޮޑުތަނުން އިތުރުވެ 50 މިލިއަން ރުފިޔާ ދޫކުރިއިރު، އޮގަސްޓް މަހު 29.99 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު މަހު 27 މިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވި އިރު، މަސްވެރިންނަށް ނުދައްކާ އޮތް 250 މިލިއަން ރުފިޔާގެ ބެކްލޮގް މިހާރު ވަނީ އެއްކޮށް ދައްކާ ހަލާސްކޮށްފައެވެ. މީގެއިތުރުން، ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަށް ސަރުކާރުން ވީ ވައުދާ އެއްގޮތަށް އަމަލުކުރަން ފެށި ފަހުން، މިއަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހާ ހަމައަށް މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމުގެ ގޮތުން މަސް ގަންނަ އަގު މިހާރު ވަނީ 22 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މިފްކޯއިން ބުނީ، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ މަސްވެރިން ބާނާ މަހަށް ވީހާވެސް އަވަހަށް ފައިސާ ފޯރުކޮށްދިނުން ކަމަށެވެ. އަދި ފައިސާ ދޫކުރުމުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކޮށް، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ލިބޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ވަނީ ޔަގީންކަން ދީފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement