ރާއްޖޭގެ އިޤްތިޞާދީ ފުރުޞަތުތަކުގެ ބޭނުން ހިފަން އިންޑިޔާގެ އިންވެސްޓަރުންގެ ކިބައިން ރައީސް އެދިވަޑައިގެންފި
ރާއްޖޭގެ އިޤްތިޞާދީ ފުރުޞަތުތަކުގެ ބޭނުން ހިފަން އިންޑިޔާގެ އިންވެސްޓަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ވެރިރަށް ނިއުދިއްލީގައި ބޭއްވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ކުރެއްވި ތަޤުރީރު ގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ހުރި އިގްތިސާދީ ފުރުޞަތުތައް ހޯދާ, އިންވެސްޓް ކުރަން އެދިވަޑައިގެންފައެވެ. ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގައި މިހާރުވެސް އިންޑިއާ މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައެވެ. އިޤްތިޞާދީ އިސްލާޙަށް އެމަނިކުފާނުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ އެޖެންޑާ ހާމަކުރައްވާ ރައީސް ވިދާޅުވީ އެ އެޖެންޑާގެ އަމާޒުތަކަކީ، ފަތުރުވެރިކަމުގެ އިތުރުން، މާލީ ޚިދުމަތްތަކާއި، މެރިޓައިމް ސިނާޢަތާއި، ޑިޖިޓަލް އިޤްތިޞާދު ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިޤްތިޞާދު ސިންދަފާތުކުރުން ކަމަށެވެ. މިމަސައްކަތްތަކުގެ ބައިވެރިއަކަށްވެ, އިސް ދައުރެއް އަދާކޮށްދޭން ރައީސް އެދިވަޑައިގެންނެވިއެވެ.
2030 ވަނަ އަހަރު އަންނަން ވާއިރަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިޤްތިޞާދުންކަމުގައި ހެއްދެވުމަށްޓަކައި، ޑިޖިޓަލް ދާއިރާ ކުރިއަރައިދިއުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި "ރުޕޭ" ކާޑު ބޭނުންކުރެވެން ފެށުމާއެކު، އިންޑިއާ އާއި ރާއްޖެއާ ދެމެދު މާލީ މުއާމަލާތްތައް ކުރުން އިތުރަށް ލުއިފަސޭހަ ވެގެންދާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މަދަނިއްޔަތަށް އެދެވޭ ބަދަލެއް ގެނައުމުގެ މަޤްޞަދުގައި ތަރައްޤީކުރާ އިކޯ ސިޓީ، ރަސްމާލެއަކީވެސް މި އެޖެންޑާގައި ހިމަނޭ މަސައްކަތެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނަކަށް އަމަލުކުރާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެޤާނޫނުން ފޮރިންގ އިންވެސްޓަރުންނަށް ލިބޭ ރައްކާތެރިކަން ބޮޑުވާނެ ކަމަށެވެ. 2025 ވަނަ އަހަރު އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތްތަކާ ގުޅޭ ގޮތުންވެސް ރައީސް ވާހަކަދެއްކެވިއެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަންވެސް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.
ރިއެކްޝަންސް