ދިވެހިރާއްޖެއަކީ އިންޑިޔާގެ އަސާސީ ބައިވެރިއެއް- އިންޑިޔާގެ ރައީސް
ރައީސް މުއިއްޒު އިންޑިޔާގެ ރައީސްއާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ދިވެހިރާއްޖެއަކީ އިންޑިޔާގެ އަސާސީ ބައިވެރިއެއް- އިންޑިޔާގެ ރައީސް

10 days ago - 07:10
Advertisement

ދިވެހިރާއްޖެއަކީ އިންޑިޔާގެ އަސާސީ ބައިވެރިއެއް ކަމަށް އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ ވިދާޅުވެއްޖެ އެވެ. އިންޑިޔާގެ ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެބޭފުޅުން ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ދެ ރައީސުންގެ ރަސްމީ ބައްދަލުކުރެއްވުން އޮތީ އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ.

އިންޑިއާގެ ރައީސް ދިވެހިރާއްޖެ ސިފަކުރެއްވީ އިންޑިއާގެ އަސާސީ ބައިވެރިއެއްގެ ގޮތުގައެވެ. އިންޑިއާއިން ގެންގުޅޭ "ނޭބަހުޑް ފަރސްޓް" ސިޔާސަތުގައްޔާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން" ނުވަތަ "ސާގަރް"ގެ ތަޞައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސް ދުރޫޕަދީ މުރުމޫ ވިދާޅުވީ އިންޑިއާއިން ދިވެހި ރާއްޖޭގެ ތަރައްޤީއަށް ދޭ އެހީ ފަރުމާކޮށްފައިވަނީ، އޭގެ ފައިދާ ރައްޔިތުންނަށް ފޯރާނެ ގޮތަށް ކަމަށެވެ. ރައީސް މުއިއްޒު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިޢުލާންކުރި "ކޮމްޕްރިހެންސިވް ސެކިއުރިޓީ އެންޑް މެރިޓައިމް ޕާޓްނަރޝިޕް" ގެ ދަށުން، ދޭދޭ ގުޅުން ހަރުދަނާކުރާނޭ އާ އޮނިގަނޑެއް ބިނާކުރެވޭނޭކަމަށްވެސް މުރުމޫ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ތަރައްޤީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގައި އިންޑިއާ ދެމިއޮންނާނެކަމުގެ ޔަޤީންކަންވެސް ރައީސް މުރުމޫ ވަނީ ދެއްވާފައެވެ. އެގޮތުން ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢަކީ ދިވެހިރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު ޢުމްރާނީ މަޝްރޫޢުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތުދެއްވީތީ އިންޑިއާގެ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އެގޮތުން ތަޢުލީމާއި، ބިނާރާއި، ފަތުރުވެރިކަން އަދި ސިއްޙީ ދާއިރާ ހިމެނޭނޭ ފަދައިން ގިނަ ދާއިރާތަކުން ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި އިންޑިއާއިން އަދާކުރާ ހައްސާސް ދައުރުގެ މައްޗަށް ރައީސް މުއިއްޒު އަލިއަޅުއްވާލެއްވިއެވެ.

Advertisement

ދެ ޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާކޮށް، މި ފުރަމާނަ ދަތުރުފުޅުގައި ފެށި މުޢާމަލާތްތައް އެދެވޭ ގޮތެއްގައި ކުރިއަށްގެންދިއުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ރައީސް ދުރުޕަދީ މުރުމޫ، މި ބައްދަލުކުރެއްވުމުގައި އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާޝްތްރަޕަތީ ބަވަންއަށް ޒިޔާރަތްކުރައްވާ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement