ހައިވޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސީ ގަސްތުގައި ކަމަށް ބެލެވޭ: ސީޕީ

ހައިވޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސީ ގަސްތުގައި ކަމަށް ބެލެވޭ: ސީޕީ

9 hours ago - 17:51
Advertisement
Advertisement

ސިނަމާލެ ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދިޔަ ސައިކަލަކުން ޖައްސާފައިވަނީ ގަސްތުގައި ކަމަށް ބެލެވޭ ކަމަށާއި މިކަމުގައި އިތުރު ތިން ސައިކަލެއް ބައިވެރިވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.


މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 04:29 ހާއިރު އެވެ. ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލު ކޮންޓްރޯލް ނުވެ، ހައިވޭގައި ޑިއުޓީ ކުރަމުންދިޔަ ފުލުސް މީހާގެ ގައިގައި ޖެހުމުގެ ސަބަބުން އޭނާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އެގޮތުން ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު، މިހާރު އޭނާއަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.


މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށްވެސް ސީޕީ ފާހަގަކުރެއްވި އެވެ.


ސީޕީ ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގި ވަގުތު މިކަމުގައި އިތުރު 3 ސައިކަލެއް ބައިވެރިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މި ސައިކަލު ދުއްވާފައިވަނީ ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑެއްގައެވެ.


"މިހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ބާރު ސްޕީޑްގައި ގޮސް މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްގައި ޖައްސައި، އެއާ އެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގާ ޖެހިގެންނެވެ." ސީޕީގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.


މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން މި އަމަލު ހިންގި ސައިކަލު ޓޯކޮށް، އެ ސައިކަލުގައި ތިބި ދެމީހުން ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. މީގެ އިތުރުން މިކަމުގައި ހިމެނޭ އިތުރު ދެމީހަކާއި އެމީހުން ދުއްވި ސައިކަލެއް ވެސް ލޮކޭޓްކޮށް، މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.


މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement