ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ޢަމަލީ ދިރާސާތައް އެމްޑަބްލިއުއެސްސީން ފަށައިފި
މާލެ ސަރަޙައްދުގެ ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ހަދަންޖެހޭ ޢަމަލީ ދިރާސާތަކުގެ މަސައްކަތް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ. މިއީ މިފަދަ ޒަމާނީ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ މިފަދަ ފުރަތަމަ މަޝްރޫޢެވެ.
އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢަކީ 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢު ރާއްޖޭގައި ކުރިއަށް ގެންދިއުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ ނޯވޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ފްލޯޝަން އިންނެވެ.
މިހާތަނަށް ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، މި ޕްލާންޓު ޤާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަޙައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑެވެ. އެ ކުންފުނިން މިހާރު ކުރިއަށް ގެންދަނީ މި މަސައްކަތް ރާއްޖޭގައި ކާމިޔާބުކަމާއެކު ހިންގިދާނެތޯ ބެލުމަށް އެ ސަރަޙައްދުގައި ހަދަންޖެހޭ ޢަމަލީ ދިރާސާތަކާއި ފެން ތަޙުލީލުކުރުމުގެ މަރުޙަލާއެވެ.
މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ތެރެއިން، ފްލޯޝަންގެ ޓެކްނިކަލް ޓީމުން ވަނީ ކަނޑުގެ 500 މީޓަރު އަޑިން ފެނުގެ ސާމްޕަލް ނަގާފައެވެ. ފުރަތަމަ މަރުޙަލާގެ ތަޙުލީލުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ކަނޑުގެ މިހާ ފުން އަޑިން ނެގި ފެނަކީ އާދަޔާ ޚިލާފަށް ސާފު ފެނެކެވެ. އަދި ލެބޯޓްރީ ތަޙުލީލުތަކުން ކަށަވަރުކުރެވޭ ގޮތެއްގެ މަތިން، މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ޤުދުރަތީ ފެނުގެ މަންސަތަކުގެ ތެރޭގައި ހިމެނޭނެ ފެނެއް ކަމަށް އެމްޑަބްލިއުއެސްސީން ފާހަގަކުރެއެވެ.
މި ދިރާސާއިން ލިބޭ ނަތީޖާތަކަށް ބިނާކޮށް، މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން ރާއްޖެއަށް އެންމެ ފައިދާހުރި އަދި އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމްޑަބްލިއުއެސްސީން ވަޒަންކުރާނެއެވެ. މި މަޝްރޫޢު ކާމިޔާބުވެއްޖެނަމަ، މިއީ ދިވެހިރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ޢުމްރާނީ ވަސީލަތްތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ރިއެކްޝަންސް





