މިދިޔަ ސެޕްޓެންބަރު މަހު އެމްޕީއެލުން 1.7 ލައްކައަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
މޯޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި އެކަނިވެސް 178،197 ފްރައިޓް ޓަނުގެ މުދާ ކާމިޔާބުކަމާއެކު ކްލިއާ ކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޕީއެލުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ކްލިއާ ކުރެވުނު މުދަލުގެ ބޮޑު ބައެއް ހިއްސާކުރަނީ ރައްޔިތުންގެ ކެއިންބުއިމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ އަދި އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން އެންމެ ގިނައިން އެތެރެކޮށް ކްލިއާކުރި ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:
ބިސް: 77،595 ކޭސް
ފިޔާ: 41،122 ބަސްތާ
ކަރާ: 39،582 ކޭސް
އަލުވި: 23،610 ބަސްތާ
ޓޮމާޓޯ: 17،102 ކޭސް
މާލޭ ވިޔަފާރި ބަނދަރުގެ ހަރަކާތްތަކަށް ބަލާއިރު، ވޭތުވެދިޔަ މަހު ކޮންޓެއިނަރު އުފުލާ 14 ބޯޓަކާއި، އާންމު މުދާ އުފުލާ 26 ބޯޓު ވަނީ ބަނދަރުކޮށްފައެވެ. އަދި މުދާ ބޭލުމާއި ކްލިއަރެންސްގެ އޮޕަރޭޝަންތައް ފުރިހަމަކުރުމަށްފަހު، ކޮންޓެއިނަރު އުފުލާ 3 ބޯޓަކާއި އާންމު މުދާ އުފުލާ 6 ބޯޓު ވަނީ ފުރާފައެވެ. މި ބޯޓުފަހަރުން ޖުމްލަ 7،340 ކޮންސައިންމަންޓް ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު ބޯޓުފަހަރުން ކްލިއާކުރި 5،673 ކޮންސައިންމަންޓާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ކްލިއާކުރި 1،667 ކޮންސައިންމަންޓް ހިމެނެއެވެ.
މީގެއިތުރުން، އެމްޕީއެލްގެ ކޮންޓެއިނަރު ހަރަކާތްތަކުގެ ރެކޯޑުތައް ދައްކާގޮތުން އަންލޯޑެޑް ޓީއީޔޫގެ އަދަދަކީ 7،139 އެވެ. އަދި ލޯޑެޑް ޓީއީޔޫގެ އަދަދު 7،386 އަށް އަރާއިރު، މިދިޔަ މަހު ޖުމްލަ ތްރޫޕުޓް ޓީއީޔޫ ވަނީ 14،525 އަށް އަރާފައެވެ.
މާލޭ ވިޔަފާރި ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށާއި، މުދާ ކްލިއާކުރުމުގެ ޚިދުމަތްތައް މީގެއަށްވުރެ ހަލުވި އަދި ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށްޓަކައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢު ސަރުކާރުން މިހާރު އަންނަނީ ވަރަށް ހަލުވި ދުވެލީގައި ހިންގަމުންނެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ތިލަފުށީ ބަނދަރު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށުމެވެ.
އެމްޕީއެލުން ހާމަކުރާ ގޮތުގައި، ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމާއެކު ކުންފުނީގެ ޖުމްލަ އޮޕަރޭޝަންތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާވެ، ރާއްޖޭގެ ވިޔަފާރިވެރިންނަށް މުދާ ނެރުމުގައާއި ކްލިއާކުރުމުގައި ބޮޑެތި ލުއިފަސޭހަތަކަކާއި އަވަސްކަމެއް ލިބިގެންދާނެއެވެ.
ރިއެކްޝަންސް





