ސްޓޭޓް ފާމާއިން އަސާސީ 300 ބޭހެއް އެތެރެކޮށްފި: މިނިސްޓަރު

ސްޓޭޓް ފާމާއިން އަސާސީ 300 ބޭހެއް އެތެރެކޮށްފި: މިނިސްޓަރު

1 day ago - 13:05
Advertisement
Advertisement

ރާއްޖޭގައި ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އަލަށް އުފެއްދި ސަރުކާރުގެ ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) މެދުވެރިކޮށް އަސާސީ 300 އެއްހާ ބާވަތުގެ ބޭސް މިހާތަނަށް އެތެރެކޮށްފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ޒަމާނުއްސުރެ ރައްޔިތުން ތަހައްމަލުކުރަމުން އައި ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސްޓޭޓް ފާމާ އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9 ގައި ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ކުރިން އަމިއްލަ ވިޔަފާރިތަކުން އެތެރެކޮށް ފޯރުކޮށްދެމުން އައި މުހިންމު ބޭސްތައް ވެސް ހިމެނޭހެން، ގިނަ ބޭސްތަކެއް މިހާރު އެތެރެކުރަމުން އަންނަނީ ސީދާ ސްޓޭޓް ފާމާ މެދުވެރިކޮށެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ އިތުބާރުހުރި ސަޕްލަޔަރުންނާ ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ކުރިން އެސްޓީއޯއިން ހިންގަމުން އައި ބޭސްފިހާރަތަކުގެ ހިންގުން މިހާރު ސްޓޭޓް ފާމާގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. އެއާއެކު އަތޮޅުތެރޭގެ ބޭސްފިހާރަތަކަށް ވެސް ދަތިކަމެއް ނެތި ބޭސް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި ބޭރުގެ ތިން ކުންފުންޏަކާ އެކު މިހާރު އެއްބަސްވުންތައް ގާއިމުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި މި ދާއިރާއަށް ދިމާވެފައިވާ ފާމަސިސްޓުންގެ ދަތިކަން ހައްލުކުރުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ވެސް ސްޓޭޓް ފާމާއިން އަންނަނީ ހިންގަމުންނެވެ.

ސްޓޭޓް ފާމާ އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ބޭހާއި މެޑިކަލް އިކުއިޕްމަންޓް އަދި ބޭސްވެރިކަމަށް ބޭނުންވާ ސާމާނު ބޭރުން ބޮޑެތި އަދަދުތަކުން ސީދާ އެތެރެކޮށް، މުޅި ރާއްޖެއަށް އެ ތަކެތި ފަސޭހައިން ލިބޭނެ ހަރުދަނާ ސަޕްލައި ނިޒާމެއް ބިނާކުރުމެވެ

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement