
ގެދޮރުވެރިކަމުގެ ސްކީމްގައި އަނބިމީހާ އާއި ފިރިމީހާގެ ބިންވެރިކަމަށް ބަލާނަން: މިނިސްޓަރު މުއްތަލިބު
ގެދޮރުވެރިކަމުގެ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އަނބިމީހާ އާއި ފިރިމީހާގެ ބިންވެރިކަމަށް ބަލާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބިމެއް އޮތް ނަމަ، ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ ފްލެޓް ލިބުމުގެ ފުރުސަތު އޮންނާނެއެވެ.
"ސަރުކާރުގެ ސިޔާސަތަކީ އެއް އާއިލާއަކަށް އެއް ބޯހިޔާވަހިކަން ފޯރުކޮށްދިނުން. އެ އުސޫލުން ބިންވެރިޔާ ސްކީމް ވެސް ގެދޮރުވެރިޔާ ސްކީމް ވެސް ކުރިއަށް ދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު އޮތް ލިސްޓްގައި 305 މީހަކީ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯތި އޮތް މީހުން ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މީގެ އިތުރުން 391 ދެމަފިރިންނަށް ވެސް ފްލެޓް ލިބޭ ކަމަށް އޮތް ނަމަވެސް، ފްލެޓް ލިބޭނީ އޭގެ ތެރެއިން ކޮންމެ ވެސް އެކަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ގޯތި ލިބިފައިވާ މީހުންގެ އަނބިމީހާއަށް، ފިރިމީހާއަށް ފްލެޓް ނުލިބޭނެ. އެއީ ސަރުކާރުގެ ސިޔާސަތު" މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިސަރުކާރުން ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓުކަމަށް ބަލާނީ ކުރީ ސަރުކާރުން 15 ނޮވެންބަރު 2023 ގައި ނެރުނު ލިސްޓަށް ކަމަށެވެ.
ރިއެކްޝަންސް






