ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކުރަން ނިންމެވުން ފައްޔާޒަށް ކަމަކުނުދިޔަ
އިގްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެޅުއްވުމަށް ނިންމަވާފައިވާ ފިޔަވަޅުތަކަށް އިދިކޮޅު މައި ޕާޓީ އެމް.ޑީ.ޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފާޑު ވިދާޅުވެއްޖެއެވެ.
އިގްތިޞާދީ ޙަލަތުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވުމަށް ނިންމަވާފައިވާ ބައެއް ފިޔަވަޅުތައް އިއުލާން ކުރެއްވުމާއެކު ރައީސް ސާލިހުގެ ސަރުކާރުގައި އިގްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރުކަންވެސް ކުރައްވާފައިވާ ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ވަޒީފާތަކުގެ މުސާރައިން %10 އުނިކުރަން ނިންމެވި ނިންމެވުމަކީ ދެބޯގެރި ދުއްވުން ކަމަށެވެ.
ފައްޔާޒު ވަނީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން އަތުން ނަގާ ޓެކްސް ބޮޑު ކޮށްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އެގާރާ މަހުގެ ތެރޭގައި ތިންހާހާ ގާތްކުރާ އަދަދަށް ސިޔާސީ ވަޒީފާ އުފައްދަވާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ފައްޔާޒު ވިދާޅުވީ ރައްޔިތުންނަށް ވީވައުދާ އެއްގޮތަށް ސިޔާސީ މަގާމުތައް 700 އަށް ކުޑަކޮށްފައި ނޫނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ވާހަކަ ދެއްކުންވެސް ލަދުވެތި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިގްތިޞާދީ އިސްލާހީ އެޖެންޑާއަށް އެމް.ޑީ.ޕީގެ ޗެއާޕާސަންގެ ފާޑުވިދާޅުވުން އަމާޒު ކޮށްފައި މިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު އިގްތިޞާދީ ގޮތުން ދިމާވެފައިވާ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ގިނަ ފިޔަވަޅުތަކެއް ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ ކުޑަކުރުމަށް ނިންމަވާފައެވެ.
އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންވެސް ހިމެނެއެވެ.
" 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވާނީ ނިންމާފައި. މިގޮތުން މުސާރައާއި ގުޅޭ ގޮތުން ތިރީގައިވާ ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށްވާނީ ނިންމާފައި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އިގްތީސާދީ އިސްލާހީ އެޖެންޑާގެ ދަށުން ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ އެންމެ ބޮޑު މުސާރާއެއްގެ ގޮތުގައި ދެވޭނީ 90000 ރުފިޔާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިގްތިޞާސީ އިސްލާހީ އެޖެންޑާގެ ދަށުން މުސާރަ ކުޑަކުރުމަށް ނިންމާފައިވަނީ ދެއަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި މި ފިޔަވަޅުތަކުގެ ތެރޭގައި 12000 ރުފިޔާއިން ދަށުގެ މުސާރަ ލިބޭ ފަރާތްތައް ނުހިމެނޭނެ ކަމަށެވެ.
ރިއެކްޝަންސް