މި އަންނަނީ ކޯޅޭކަށް ނޫން. މާލޭގެ ޙާލަތު ބަދަލު ކުރަން: އާޒިމް

މި އަންނަނީ ކޯޅޭކަށް ނޫން. މާލޭގެ ޙާލަތު ބަދަލު ކުރަން: އާޒިމް

ސިޓީ ކައުންސިލަށް މި ވަންނަވަނީ ސަރުކާރާ ކޯޅޭކަށް ނޫން ކަމަށާއި މާލޭގެ ހާލަތު ބަދަލު ކުރައްވަން ކަމުގައި މޭޔަރުކަމަށް އިންތިޚާބުވި އާދަމް އާޒިމް ވިދާޅުވެއްޖެ.

10 months ago - 23:41
Jan 13, 2024 - 23:41

ސިޓީ ކައުންސިލާ މި ޙަވާލުވަނީ ސަރުކާރާ ކޯޅެން ނޫންކަމަށާއި މާލޭގެ ހާލަތު ބަދަލު ކުރައްވަން ކަމުގައި މޭޔަރުކަމަށް އިންތިޚާބުވި އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އެމް.ޑީ.ޕީން މިރޭ ބޭއްވި އެއްވުމަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އާޒިމް ވިދާޅުވީ މާޒީގައި ކައުންސިލާ ސަރުކާރާ ކޯޅުމުގެ ނަތީޖާ މާލެއަށް ބަލާލުމުން ފެންނަން އެބަ އޮތް ކަމަށެވެ.

މާލެ އަށާއި މާލޭގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ދިމާވެފައިވާ ހާލަތަކީ ކުރީގެ ކައުންސިލްތަކާއި ސަރުކާރުތަކާ ދެމެދު ކޯޅުނު ކޯޅުންތަކުގެ ނަތީޖާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އޭނާގެ މޭޔަރުކަމުގައި ރައްޔިތުންނަށް ލާބައާއި މަންފާ ހުރި އެއްވެސް ކަމަކަށް ނޫނެކޭ ވިދާޅު ނުވާނެ ކަމަށެވެ.

އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެމް.ޑީ.ޕީގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހޯއްދަވާދެއްވުމަށް މަގުފަހި ކޮށްފައިވާ ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށް ދެއްވުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ސިޓީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުން އައިސްފައިވާ ވެމްކޯ އާއި ސިޓީ ކައުންސިލާ ދެމެދު ޖެހިފައިވާ މައްސަލަ ބައްލަވައި އެކަމުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބެއްލެވުމަށްފަހު ހައްލުކުރައްވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އާޒިމް ވަނީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ސަރުކާރާ އެކު މަޝްވަރާ ކޮށްގެން ކަންކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިއަދު ބޭއްވި އިންތިޚާބު އާޒިމް ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕާޓީ ޕީ.އެން.ސީގެ ކެނޑިޑޭޓުގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.

އާދަމް އާޒިމް އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 5152 ވޯޓާއެކު ވޯޓުލީމީހުންގެ ސާޅީސް ހައެއް އިންސައްތައަށްވުރެ މަތީ އަޣުލަބިއްޔަތަކުންނެވެ.

އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވި އާޒިމާއަށް ލިބިވަޑައިގެންނެވީ އަށާވީސް އިންސައްތައެވެ. އެއީ 3220 ވޯޓެވެ.

ތިންވަނައަށް ދިޔަ ކުރީގެ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް ސައިފް ފާތިޙްއަށް ލިބިވަޑައިގެންނެވީ ތޭރަ އިންސައްތަ ވޯޓެވެ. އެއީ ފަނަރަސަތޭކަ ހަތް ވޯޓެވެ.   

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދަށް ލިބިވަޑައިގެންނެވީ 1179 ވޯޓެވެ. އެއީ ގާތްގަނޑަކަށް ދިހައެއް އިންސައްތައެވެ.

މީގެ އިތުރުން އަމިއްލަ ކެނޑިޑޭޓް ޝުޢައިބް ޢަލީ ވަނީ 78 ވޯޓު ހޯއްދަވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow