ހަމަލާތަކުގެ ތެރެއިން އެކަށީގެންވާ ގޮތުގައި އެހީތެރިކަން ފޯރުކޮށްނުދެވޭނެ - ރައީސް
ޣައްޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަލައިގަތުމަށް ނިންމެވި ކަމުގައިވިޔަސް ވައިގެ ހަމަލާތަކުގެ ތެރެއިން އެކަށީގެންވާ ގޮތުގައި އެހީތެރިކަން ފޯރުކޮށްނުދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ޣައްޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަލައިގަތުމަށް ނިންމެވި ކަމުގައިވިޔަސް ވައިގެ ހަމަލާތަކުގެ ތެރެއިން އެކަށީގެންވާ ގޮތުގައި އެހީތެރިކަން ފޯރުކޮށްނުދެވޭނެ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރަކީ ރަނގަޅު މަގަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ޣައްޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާ ގުޅޭގޮތުން އިއްޔެ ނެރުއްވި ގަރާރުގެ މައްޗަށް ބިނާކޮށް ހުރިހާ ޢަދާވާތްތެރިކަމެއް ވަގުތުން ނިމުމަކަށް ގެނައުމަށްޓަކައި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.
"އ.ދ. ގެ ސެކިއުރިޓީ ކައުންސިލުން ޣާޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަލައިގަތުމަށް ނިންމެވި ގަރާރަކީ ރަނގަޅު މިސްރާބަށް ދިއުމަށްޓަކައި ނެންގެވި މުހިންމު ފިޔަވަޅެއް. މި ނިންމެވުން ނިންމެވި ކަމުގައިވިޔަސް ވައިގެ ހަމަލާތަކުގެ ތެރެއިން އެކަށީގެންވާ ގޮތުގައި އެހީތެރިކަން ފޯރުކޮށްނުދެވޭނެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން މި ސަބަބުތަކަށްޓަކައި އ.ދ. ގެ ސަލާމަތީ މަޖިލީހުން ނެރުއްވި ގަރާރަށް އެންމެ އެކަށޭނަގޮތުގައި ޢަމަލުކުރުމަށް ރާއްޖެއިން ވަނީ ބާރުއަޅުއްވާފައި ކަމުގައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އ.ދ.ގެ ސަލާމަތީ މަޖިލީހުން ނެރުއްވި ގަރާރުގައިވާ ގޮތުން ހަމަލާތައް މެދުކަނޑާލާފައި އޮންނަ މުއްދަތުގައި އިންސާނީ އެހީތެރިކަމުގެ ސާމާނު ޣައްޒާއަށް އެތެރެކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އ.ދ. އިން ބަލައި ފާރަވެރިވާން ޖެހޭނެ އެވެ.
އަދި ޣައްޒާއަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ފޯރުކޮށްދޭނީ މިހާރު ހިނގަމުންދާ ހަނގުރާމައިގައި ބައިވެރި ނުވާ އެހެން ގައުމުތަކުން ކަމަށާއި ގާޒާ އަށް އެހީގެ ސާމާނު އެތެރެކުރަމުންދާ ގޮތުގެ ފުރިހަމަ މައުލޫމާތު އދ. ގެ ފަރާތުން އިޒްރޭލަށާއި ފަލަސްތީނު ސަރުކާރަށް އަންގަންޖެހޭނެކަމަށް ގަރާރުގައި ބުނެފައި ވެއެވެ.
އިޒްރޭލުން ފަލަސްޠީނަށް ދެމުންއަންނަ ޙަމަލާތައް ހުޓާލުމަށް މި ގަރާރުގައި ގޮވާލާފައި ނުވާތީ އެއީ އެއްވެސް މާނައެއް ނެތް ގަރާރެއް ގޮތުގައި ސިފަކޮށް ގިނަ ގައުމުތަކަކުން އަންނަނީ ފާޑުކިއުންތައް ސަލާމަތީ މަޖިލީހަށް އަމާޒު ކުރަމުންނެވެ.
ރިއެކްޝަންސް