އަތޮޅުތެރޭގެ 3 ރީޖަނަލް ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށަނީ
ފޮޓޯ- އައްޑޫ ޓަރޝިއަރީ ހޮސްޕިޓަލް

އަތޮޅުތެރޭގެ 3 ރީޖަނަލް ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށަނީ

2 hours ago - 12:00
Advertisement
Advertisement

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، އަތޮޅުތަކުން ލިބޭ ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ތިން ރީޖަނަލް ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގެ ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް އުފުލުމަށް ސަރުކާރުން ރާވާފައިވާ ބިޔަ މަޝްރޫއާ ގުޅޭގޮތުން، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސިއްހަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފް ވިދާޅުވީ، މި މަޝްރޫއުތަކުގެ ޑިޒައިނިން އަދި ޕްލޭނިން މަރުހަލާގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ.
އެގޮތުން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އަލަށް އިތުރުކުރާ އިމާރާތްތަކުގެ ޑިޒައިން މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ހޮސްޕިޓަލްތަކުގެ އަމަލީ މަސައްކަތް މައިދާނުގައި ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކާއި، ބޭނުންވާ ތަކެތި ހޯދުމުގެ ޕްރޮކިއުމަންޓް މަރުހަލާ މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ލަސްތަކެއް ނުވެ، މި އަހަރުގެ ތެރޭގައި އެ ތިން ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިގަތުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަޝްރޫއުތައް ނިމުމުން، ވެރިރަށް މާލެއަށް ބަރޯސާނުވެ، އަތޮޅުތަކުގެ ރައްޔިތުންނަށް އަމިއްލަ ސަރަހައްދުން ފެންވަރު ރަނގަޅު ސްޕެޝަލައިޒްޑް ސިއްހީ ފަރުވާ ލިބިގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement