ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޑްރަގް ނެޓްވޯކެއްގެ އިސް ދެ މީހަކު ހައްޔަރުކޮށްފި
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. މާމެންދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޑްރަގް ނެޓްވޯކެއްގެ އިސް ދެ މީހަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަޕާ ސައުތު ޕޮލިހުގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ސެޕްޓެމްބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫގެ ދެ ގެއެއް ވަނީ ބަލައިފާސްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ)
ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ)
ފުލުހުން ހާމަކުރި ގޮތުގައި، ހައްޔަރުކުރި މި ދެ މީހުންނަކީވެސް މި ޑްރަގް ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ. އަދި ބަލައިފާސްކުރި ދެ ގެއިން، ވަގުތީ ބަރުދަނުގައި 17.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި އޮޕަރޭޝަނުގެ ތެރެއިން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މި މައްސަލަ އަޕާ ސައުތު ޕޮލިހާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





