އިޒްރާއިލްއިން  އަވަހާރަކޮށްލި ޚަމާސްގެ ލީޑަރު ޔަޙްޔާ ޞިންވާރް އަކީ ކާކު!
އިޒްރާއިލްއިން ބުދަ ދުވަހު އަވަހާރަކޮށްލި ޚަމާސްގެ ލީޑަރު ޔަޙްޔާ ޞިންވާރް

އިޒްރާއިލްއިން އަވަހާރަކޮށްލި ޚަމާސްގެ ލީޑަރު ޔަޙްޔާ ޞިންވާރް އަކީ ކާކު!

ޔަޙްޔާ ޞިންވާރު އަވަހާރަވެފައިވާ ކަން ޙަމާސްއިން ވަނީ ކަށަވަރުކޮށްދީފަ

2 months ago - 20:05
Oct 18, 2024 - 20:16

ޔަޙްޔާ ސިންވާރްއަކީ އިޒްރާއިލްއާއި މުޅި ދުނިޔެ ސިއްސުވާލި 7 އޮކްޓޯބަރު ހަމަލާގެ މޭސްތިރިޔާއެވެ. އެއާއެކު އިޒްރާއިލްއިން "ރަހީނުން މިނިވަން ކުރުމުގެ" ނަމުގައި ޣައްޒާގައި ފެށި ހަމަލާތައް ޤަތުލް އާންމަކަށް ވަނީ ބަދަލުވެފައެވެ. ބުދަ ދުވަހު ރަފަޙްގައި ޚަމާސް އާއި އިޒްރާއިލްގެ އަސްކަރިއްޔާއާ ދެމެދު ބަދަލުކުރި ހަމަލާތަކެއްގައި ހަމާސްގެ ލީޑަރު ޔަޙްޔާ ޞިންވާރް މަރާލަފައިވާ ކަމަށް އިޒްރާއިލްއިން ވަނީ ބުނެފައެވެ. އޭގެ އެއްދުވަސް ފަހުން ޔަހްޔާ ޞިންވާރު އަވަހާރަ ވެފައިވާކަން ޚަމާސްއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޚަމާސްގެ ޣައްޒާގެ ވެރިޔާ, ޚަލީލް ހައްޔާ ހުކުރު ދުވަހު ޓީވީ މެދުވެރިކޮށް ދިން ޚިޠާބެއްގައި ބުނެފައިވަނީ އެމީހުންގެ ލީޑަރަކީ ބިރުކުޑަ, އަދި ކެރޭ ޖެހިލުންކުޑަ ލީޑަރެއް ކަމަށެވެ. އަދި ޞިންވާރް އޭނާގެ މުޅި އުމުރު ފަލަޞްޠީނުގެ މިނިވަންކަމަށްޓަކާ ޤުރުބާން ކޮށްފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ޞިންވާރް އަކި ޝަހީދެއް ކަމަށާއި, އެމަރުގެ ސަބަބުން  އެމީހުން ފަހަތަށް ނުޖެހޭނެ ކަމަށާއި ދެން އިސްވާ ވެރިއެއްވެސް ކުރިއަށްދާނީ އެޖަމާޢަތް ވަރުގަދަކޮށް ކުރިއަށް ކަމަށްވެސް ޙައްޔާ ވިދާޅުވިއެވެ.

"އޭނާ މަރުވެ ދިޔައީ ބިރުކުޑަ ކަމާއެކު, އިސްއުފުލައިގެން ހުރެ. އޭނާގެ ހަތިޔާރު އެންމެ ފަހު ވަގުތުގައިވެސް އުފުލައިގެންހުރެ. އެންމެ ފަހު ނޭވާގައިވެސް އޭނާ ދިޔައީ ދުޝްމަނުނަށް އޭނާގެ ބަޑިން ހަމަލާދެމުން" އަލް-އަޤްޞާ ޓީވިން ދެއްކި ވީޑިއޯ މެސެޖްގައި ޙައްޔާ ވިދާޅުވިއެވެ.

Advertisement
Advertisement

62 އަހަރުގެ ޔަޙްޔާ ޞިންވާރަށް ވުރެ ޚަމާސްގެ މަޤްސަދުތައް ޙާސިލްކުރަން ފަރުދާގެ ފުރަގަހުގައި ހަނގުރާމައިގެ އާޖުފާޖު ދަންނަ އެހެން ވެރިއަކު ނުހުންނާނެއެވެ. ވަރަށް މަދުން ނޫނީ އާންމުކޮށް ނުފެންނަ ޞިންވާރްއަކީ ކުރީގެ ހަނގުރާމަވެރިއެކެވެ. 23 އަހަރުވަންދެން އިޒްރާއިލްގެ ޖަލުގައި ހުންނެވިއިރު ފަރިތަކަމާއެކު ޙީބްރޫ ބަސް (އިޒްރޭލް ބަސް). ދަސްކުރެއްވިއެވެ. އަދި އޭނާގެ ދުޝްމަނުންވެސް ފަރުވާތެރިކަމާއެކު ދަސްކުރެއްވިއެވެ. 

ޔަޙްޔާ ޞިންވާރު އަކީ ޖުލައި މަހު ޙަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާއިލް ޙަނިއްޔާ އިޒްރާއިލްއިން އީރާނުގައި އަވަހާރަކޮށްލުމާ އެކު އެޖަމާއަތުގެ ލީޑަރުކަމަށް އިސްކޮށްފައިވާ ފަރާތެވެ. އޭގެ ކުރިން 2017 ން ފެށިގެންވެސް ޚަމާސްގެ ޣައްޒާގެ ވެރިޔާ އަކީ ޞިންވާރް އެވެ. ޙަމާސްގެ އަސްކަރީ ފިޔަ, ޤައްސާމް ބްރިގޭޑްގައިވެސް އޭނާ އަސްކަރީގޮތުން މަސައްކަތް ކުރެއްވިއެވެ.

ޔަޙްޔާ ޞިންވާރުގެ މަރު އިޢުލާން ކުރުމަށްފަހުވެސް ޣައްޒާގައި ހިންގަމުން ގެންދާ ހަމަލާތައް ހުއްޓާނުލާނެކަމަށް އިޒްރާއިލްއިން ވަނީ ބުނެފައެވެ. މީގެން ދޭހަވަނީ ކޮންކަމެއް ހެއްޔެވެ! ހަމަލާތަކަށް އަހަރެއް ފާއިތުވެ ދިޔައިރު ޣައްޒާގެ އާންމުންގެ 42,000 މީހުން އިޒްރާއިލްއިން ޤަތުލްކޮށްފިއެވެ. މުޅި ޣައްޒާ ފުނޑާލާ ބިމާހަމަކޮށްފިއެވެ. ހަނގުރާމައަށް ފަހު އިޒްރާއިލްއިން ޣައްޒާ އާރާސްތުކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާ ލައިފިއެވެ. 902 އާއިލާއެއް ޣައްޒާގެ ރަޖިސްޓްރީ އިން އެއް އަހަރުގެ ތެރޭގައި ނެތިކޮށްލިއިރު މިއީ ފަލަޞްޠީނުގެ ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާއެއް ނޫން ދެން އެހެން ކޮންކަމެއް ހެއްޔެވެ!

ޞިންވާރު ވަނީ އިޒްރާއިލްއާއެކު ޙަމަލާތައް ހުއްޓާލުމުގެ މަޝްވަރާތަކުގައި އަމަލީގޮތުން ބައިވެރިވެފައެވެ. މަޝްވަރާތަކުގައި އޭނާގެ މައިގަނޑު އަމާޒަކީ އިޒްރާއިލްގެ ޖަލުތަކުގައި ބައްދުކޮށްފައިވާ ފަލަޞްޠީނުގެ އެތައްހާސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިނިވަން ކުރުމެވެ.  މީގެ 13 އަހަރު ކުރިން ޞިންވާރުވެސް އިޒްރާއިލްގެ ހައްޔަރުން މިނިވަންވީ ފަދައިންނެވެ.

ޞިންވާރު އަބަދުވެސް ފާހަގަވެފައި ވަނީ ޖެހިލުންކުޑަ ފަރާތެއްގެ ގޮތުގައެވެ. އިޒްރާއިލްއަށް އަބަދުވެސް އޭނާއަކީ ބިރުވެރި ހުވެފެނެއްފަދަ މީހެކެވެ. ބައެއްފަހަރު އާންމު ތަންތަނުގައި އޭނާ ބާއްވާ އެއްވުންތައް ނިންމާލާ އެނބުރި ވަޑައިގަންނަވަމުން އިޒްރާއިލްއަށް "އަހަރެން މި ބައްދަލުވުން ނިމާފައި ހިނގާފައި ދާނީ ގެއަށޭ" ބުނެ އެގޮތަށް ކަންތައް ކުރައްވައެވެ. އަދި ވަޑައިގަންނަވާއިރު މަގުމަތީގައި މީހުންނާ ސަލާމް ކުރައްވާ ސެލްފީވެސް ނަންގަވައެވެ. އިޒްރާއިލްގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރާ ޖިހާދުގެ ސަބަބުން ފަލަޞްޠީނުގެ ރައްޔިތުންގެ މެދުގައި ޞިންވާރް އަކީ އިޙްތިރާމް ލިބިގެންވާ ބޭފުޅެކެވެ. ޙަމާސްގެ އެހެން ލީޑަރުންނާ ޚިލާފަށް އޭނާ ޣައްޒާ ދޫކުރައްވާ ވަޑައިނުގަންނަވައެވެ. ފަލަޞްޠީނުގައި ވެސް އިޒްރާއިލްއަށް ވާގިވެރިވި މީހުންނަށް ބޮޑެތި އަދަބުތައް އޭނާ ދީފައިވެއެވެ.

ޞިންވާރް އުފަންވެ ވަޑައިގަތީ 1962 ގައި ޚާން ޔޫނުސްގެ ރެފިއުޖީ ކޭމްޕަކަށެވެ. އެއީ 1948 ގައި ފަލަޞްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ނެރެލެވި, އިޒްރާއިލް އުފެދުމަށްފަހު އެތައްހާސް މީހުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދިޔަ ކޭމްޕެކެވެ. އޭނާ އަކީ އެންމެފުރަތަމަ ޚަމާސް އުފެދުނު އިރުއްސުރެ ޚަމާސްގެ މެމްބަރެކެވެ. ޚަމާސްގެ ފައުންޑަރު ޝެއިޚް އަޙްމަދު ޔާސިން އަށް ސަލާމަތީ ހަނގުރާމަވެރިން އުފައްދަން ޚިޔާލުދީ 'މަޖްދް' އުފެއްދީވެސް އޭނާގެ މޭސްތިރިކަމުގެ ދަށުންނެވެ.

ޞިންވާރު ފުރަތަމަ ފަހަރަށް ހައްޔަރުކުރީ 1980ގެ ފަހުކޮޅުއެވެ. މުޅި އުމުރަށް ހަތަރު ޙުކުމެއް 1988ގައި އޭނާއަށް އިޒްރާއިލްއިން އިއްވިއިރު އޭގެ ތެރޭގައި އިޒްރާއިލްގެ އަސްކަރިއްޔާގެ ދެމީހަކު ވަގަށްނަގާ މަރާލި ކަމުގެ ކުށްވެސް ހިމެނެއެވެ. ޖަލުގައި އޭނާއަކީ ހުރިހާ ޤައިދީންގެވެސް އެކުވެރިއެކެވެ. އެންމެންގެ ލޯބި ހޯދައި ޖަލުގައިތިބި ޚަމާސްގެ އެތައްސަތޭކަ މީހުންގެވެސް ލީޑަރެވެ. ޤައިދީންނަށް ޖަލުގެ ޙާލަތު ރަނގަޅުކުރުމަށް ބާރުއަޅާ ޖަލުގައި ހަޅުތާލުތައް ކުރިއެވެ. 

އިޒްރާއިލްގެ ޖަލުގައި 17 އަހަރު ވަންދެން ޞިންވާރު އާއެކު އޮތް ލުބުނާނުގެ އަންވަރު ޔަސިން އަލް ޖަޒީރާއާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އޭނާއާ މެދުވެސް ޞިންވާރް އަމަލުކުރީ ވަރަށް ރަނގަޅަށް, އަދި އެހާމެ އިޙްތިރާމްއާއެކުއެވެ. އޭނާއަކީ ލުބުނާނުގެ ކޮމިއުނިސްޓް ޕާޓީގެ މީހެއްކަން, އަދި ޚަމާސްގެ ސިޔާސަތާ އުޞޫލުތަކާ އޭނާގެ އުޞޫލުތައް ތަފާތު ނަމަވެސް އޭނައަށް ޞިންވާރު އަމަލުކުރީ ވަރަށް ރަނގަޅަށެވެ.

ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު 240 ސަފްޙާގެ ވާހަކައެއް ޞިންވާރް ލިއުއްވިއެވެވެ. "ތިސްޓްލް އެންޑް ކްލޯވްސް" ގައި 1967 ން ފެށިގެން 2002 ވަނަ އަހަރުގެ ދެވަނަ އިންތިފާޟާ އާ ހަމައަށް ފަލަޞްޠީނުގެ މުޖުތަމަޢުގެ  ހާލަތު ކިޔާދީފައިވެއެވެ. 2008 ވަނަ އަހަރު ތެލް އަވީވްގެ ހޮސްޕިޓަލްގައި ޞިންވާރުގެ ސިކުނޑީގެ ކެންސަރަށް ފަރުވާދީ ސަލާމަތްވިއެވެ. އޭގެ ދެ އަހަރު ފަހުން 2011ގައި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން އިތުރު 1000 މީހުންނާއެކު އިޒްރާއިލްގެ ހައްޔަރުން އޭނާ ދޫކޮށްލިއެވެ. އެއީ ޚަމާސްގެ ހައްޔަރުގައި 5 އަހަރުވަންދެން ހުރި އިޒްރާއިލްގެ އަސްކަރިއްޔާގެ ގިލާޑް ޝަލިތްގެ މިނިވަންކަމުގެ ބަދަލުގައެވެ.

ޣައްޒާއަށް އެނބުރި އައިސް ޚަމާސްގެ ސިޔާސީ ވެރިންނާއި މިލިޓަރީ ފިޔަ, ޤައްސާމް ބްރިގޭޑްއާ ދެމެދު މުއާމަލާތަކާ ހަވާލުވިއެވެ. އޭރުން ފެށިގެން އިއްޔެއާ ހަމައަށްވެސް ޞިންވާރް އަކީ ޚަމާސްގެ މިލިޓަރީ ފިޔައިގެ ކަންތައް އެންމެ ގާތުން ބަލައްޓާ އިރުޝާދުދޭ ފަރާތެވެ. އޭނާ ޝަހީދުކޮށްލިކަން މިއަދު ޙަމާސްއިން ކަށަވަރުކޮށްދީފައިވާ އިރު އެންމެ ފަހު ވަގުތުވެސް ހުންނެވީ ފަލަޞްޠީނުގެ ރަމްޒުކަމުގައިވާ ކުފެޔާ ތުރުކުރައްވައިގެން, ދުޝްމަނުންނާ ދެކޮޅަށް ހަތިޔާރު އުފުއްލަވައިގެންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow