ހަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރް 'މަރާލި' ނަމަވެސް ޣައްޒާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ނަތަންޔާހޫ ވައުދުވެއްޖެ
ޚަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރު އަދި އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމން ނަތަންޔާހޫ, ފޮޓޯ: ދި ގާޑިއަން

ހަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރް 'މަރާލި' ނަމަވެސް ޣައްޒާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ނަތަންޔާހޫ ވައުދުވެއްޖެ

އިޒްރާއިލް ބުނެފައިވަނީ މީ ނިމުމުގެ ފަށުންކަމަށް

3 hours ago - 14:45
Oct 18, 2024 - 14:52

ބުދަދުވަހު ދިން ހަމަލާތަކެއްގައި ހަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރު މަރާލައިފި ކަމަށް އިޒްރާއިލްއިން ބުނެފިއެވެ. ނަމަވެސް ޙަމާސްއިން މިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. ސިންވާރް 'މަރާލުމަށްފަހު' އިޒްރާއިލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ޣައްޒާގައި އިޒްރާއިލްއިން ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ. ރިކޯޑްކޮށްފައިވާ ނަތަންޔާހޫގެ ސްޓޭޓްމަންޓު އާންމު ވުމާއެކު އިޒްރާއިލްގެ ސިޔާސީ އިސްފަރާތްތަކުންނާއި އެމެރިކާއިން ވަނީ އޭނާގެ ވާހަކަތަކަށް ތާއީދުކޮށް މަރުޙަބާ ކިޔާފައެވެ.

އިޒްރާއިލްގެ އަސްކަރިއްޔާއިން މަޢުލޫމާތުދޭ ގޮތުގައި ސިންވާރު މަރާލާފައިވަނީ ދެކުނު ޣައްޒާގެ ރަފަޚްގައި އަސްކަރިއްޔާއާއި ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައެވެ. އިޒްރާއިލްއިން ޤަބޫލުކުރާ ގޮތުގައި 2023 އޮކްޓޯބަރު 7 ގައި "އަޤްޞާ ޠޫފާން" ގެ ނަމުގައި އިޒްރާއިލްއަށް ދިން ހަމަލާތަކުގެ މޭސްތިރިއަކީ ޔަޙްޔާ ސިންވާރެވެ.

އިޒްރާއިލްއިން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާނެކަމަށް ބުނި ނަމަވެސް ހުޅަނގުގެ ގައުމުތަކުގެ ވެރިންނާއި އެމެރިކާއިން ދެކޭގޮތުގައި މިއީ ހަނގުރާމައިގެ މިސްރާބު ބަދަލުވެ, ހަނގުރާމައިގެ ނިމުން ކަމަށެވެ. ނަމަވެސް އިޒްރާއިލްއިން ބުނެފައިވަނި މިއީ އަދި ހަނގުރާމަ ނިމުމުގެ ފެށުން ކަމަށެވެ. އިޒްރާއިލްއިން މީގެ ކުރިން ޣައްޒާގެ އާންމުން ދިރިއުޅޭ ތަންތަނަށް ބޮން އަޅަމުންދިޔައީ އެއީ ހަމާސްގެ ކޮމާންޑް ސެންޓަރުތަކެއް ކަމަށް ބުނަމުންނެވެ. އަދި 7 އޮކްޓޯބަރުގެ ހަމަލާއަށްފަހު ކުއްލިއަކަށް 'ގެއްލުނު' ސިންވާރު ފިއްލަވައިގެން އުޅުއްވަނީ އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގެ ބިންގަރާސްތަކުގައި ކަމަށްވެސް އިޒްރާއިލްއިން މީގެ ކުރިން ވަނީ ތުހުމަތުކޮށްފައެވެ.

އާންމުން އައްޑަނަ އަކަށް ހަދައިގެން ޓަނަލްތަކުގެ ތެރޭގައި ފިއްލަވައިގެން އުޅުއްވި ކަމަށް އިޒްރާއިލްއިން ބުނަމުންދިޔަ ސިންވާރު ބުދަ ދުވަހު އިޒްރާއިލްއިން މަރާލާފައިވާކަމަށް ބުނި އިރު އެހާދިސާ ހިނގާފައިވަނީ ރަފަޙްގައި ވަރަށް އާދައިގެ ހިސާބަކުން އިތުރު ތިން ހަނގުރާމަވެރިންނާއެކުއެވެ. އެފަދަ ތަނަކުން ސިންވާރު ފެނިދާނެކަމަށް އިޒްރާއިލްއިން ޤަބޫލުނުކުރި ނަމަވެސް މަރާލި ތިން ހަނގުރާވެރިންގެ ތެރޭގައި ސިންވާރު އާއި ވަރަށް ވައްތަރު, ސިންވާރް ކަމަށް ބެލެވޭ މީހަކު ހިމެނޭކަމަށް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

Advertisement

އިޒްރާއިލްގެ ދިފާއީބާރުގެ 828 ވަނަ ބިސްލްމާޗް ބްރިގޭޑް ޔުނިޓުން ބުދަ ދުވަހު ރަފަޙްގެ ތަލް އަލް-ޞުލްޠާން އިން މަރާލި ތިން ހަނގުރާމަ ވެރިންގެ ޑީއެންއޭ ވަނީ ނަގާފައެވެ. އަދި ހަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރުއާ ވައްތަރު ހަށިގަނޑުގެ އިނގިލީގެ ބައެއްނަގާ ޑީއެންއޭ ހަދަން ފޮނުވުމަށްފަހު ހަށިގަނޑުވެސް ވަނީ ފަހުން އިޒްރާއިލްއަށް ގެންގޮސްފައެވެ. ޓެސްޓްތަކަށް ފަހު މާ ގިނައިރެއް ނުވެ ބުރާސްފަތި ދުވަހު އިޒްރާއިލްއިން ވަނީ ސިންވާރު "ނައްތާލާފައިވާ" ކަމަށް އިއުލާންކޮށްފައެވެ. 1988 ން 2011 އާ ހަމައަށް އިޒްރާއިލްގެ ޖަލުގައި 23 އަހަރު ހޭދަކުރި ސިންވާރުގެ ޑީއެންއޭ އިޒްރާއިލްގައި ހުންނާނެކަމަށް ބެލެވުމާއެކު އިޒްރާއިލްގެ މިބުނުމަށް ބާރުލިބުން ނަމަވެސް ހަމާސްއިން އެކަން ކަށަވަރުކޮށް ނުދޭތީ ޔަޙްޔާ ސިންވާރު ހަޤީގަތުގައިވެސް އަވަހާރަ ވީކަން އަދިވެސް ވަނީ ސުވާލު މާކެއްގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow