އިޒްރާއިލްއިން އެއްގަމުމަގުން ލުބުނާނަށް އަރައިގަތުމަށް ތައްޔާރުވަނީ
އެއްގަމު މަގުން އިޒްރާއިލްއިން ލުބުނާނަށް ހަމަލާތައް ދިނުމަށް ތައްޔާރުވަމުންދާކަމަށް އިޒްރާއިލްގެ އަސްކަރިއްޔާއިން ބުނެފިއެވެ. އަސްކަރިއްޔާގެ ޗީފް ބުނެފައިވާގޮތުގައި އެމީހުން މިހާރުވާނީ އަސްކަރިއްޔާގެ ދެ ރިޒާވް ޓީމް އޮޕަރޭޝަނާ ގުޅުމަށް އައުމަށް އަންގާފައެވެ. އިޒްރާއިލްއިން ވައިގެމަގުން ލުބުނާނަށް ހަމަލާދޭތާ ތިން ދުވަސް ވެފައިވާއިރު އިއްޔެ އެކަނިވެސް ވަނީ ލުބުނާނުގެ 51 މީހުން މަރާލާ, 220 މީހުން ޒަޚަމްކޮށްލާފައެވެ.
"ހަމަލާތަކުގެ އެންމެ ފަހުގެ ރާޅުތައް އަމާޒުކޮށްފައި މިހުރީ އެއްގަމު މަގުން ލުބުނާނަށް އެރުމަށް ތައްޔާރުވުމަށް" އުތުރު އިޒްރާއިލްގައި ބުދަދުވަހު އަސްކަރިއްޔާގެ ޗީފް ހާޒީ ހަލޭވީ ސިފައިންނާ މުހާތަބުކޮށް ބުނެފައިވާކަމަށް އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ.
ހޯމަ ދުވަހު އިޒްރާއިލްއިން ވަނީ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް ކަމުގައިވާ ހިޒްބުالله އާ ދެކޮޅަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭންފަށާފައެވެ. ނަމަވެސް އެއްގަމު މަގުން ހަމަލާތައް ފުޅާކުރުމަށް ތައްޔާރުވުމަށް އަސްކަރިއްޔާގެ ސިފައިނަށް ބޫޓާއި އެހެނިހެން ތަކެތި ތައްޔާރުކުރުމަށް ހެވޭލީ ވަނީ އަންގާފައެވެ. ލުބުނާނަށް އަރާ ދުޝްމަނުންގެ އަވަށްތަކަށް ވަދެގަތުމަށް ތައްޔާރުވެ ތިބުމަށްވެސް ހަވޭލީ ވަނީ އަންގާފައެވެ.
"އީރާންގެ ސަޕޯޓާއެކު ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله އަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭންޖެހޭ. އެންމެން މިކަމަށް ތައްޔާރުވެގެން ތިބޭ" ތެލް އަވީވްގެ މޮސާޑް ގެ މައިމަރުކަޒަށް އަމާޒުކޮށް ހިޒްބުالله އިން ދިން ހަމަލާތަކާ ގުޅިގެން ހަވޭލީ ބުނެފައިވެއެވެ.
އިޒްރާއިލްއިން ކުރިން ބުނެފައިވަނީ ދެ ރިޒާވް ޓީމް އަސްކަރިއްޔާއާ ގުޅެން އަންގާފައި ވަނީ ބޯޑަރު ސަރަޙައްދުގައި ހިޒްބުالله އާ ހަނގުރާމަ ކުރުމަށް ކަމަށާއި, އަދި ގެދޮރު ދޫކޮށް ދާންޖެހިފައިވާ އިޒްރާއިލްގެ ރައްޔިތުން އެނބުރި ވަޒަނަށް ގެނައުމަށް އެހީތެރިވުމަށް ކަމުގައެވެ.
ބުދަ ދުވަހު މީޑިއާއަށް ދުކޮށްލި ކުރު ވީޑިއޯ މެސެޖެއްގައި އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޒްރާއިލްގެ އާންމު ރައްޔިތުން އަނބުރާ ވަޒަނަށް ގެނައުމުގެ ވައުދު ތަކުރާރުކޮށްފައެވެ. އަދި ހިޒްބުالله އިން ހިތަށްވެސް ނާރާވަރަށް ހަމަލާތައް ވަރުގަދަކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އިޒްރާއިލްއިން ހޯމަ ދުވަހުން ފެށިގެން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ލުބުނާނުގެ 615 މީހުން މަރުވެ, 2000 ށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. ހަމަލާތަކާއެކު ދެކުނު ލުބުނާނުގެ އެތައްހާސް ބަޔަކު ދަނީ ރައްކާތެރިކަމެއް ލިބޭތޯ އެސަރަޙައްދު ދޫކޮށް ދާންފަށާފައެވެ.
ރިއެކްޝަންސް