ސިފަ ވަކިނުވާވަރު ވެފައިވާ 88 ހަށިގަނޑު އިޒްރާއިލް އިން ޓްރަކެއްގައި ޣައްޒާއަށް
ރަހުމްކުޑަކޮށް މަރާލާފައިވާ ފަލަޞްޠީނުގެ އާންމުންގެ 88 ހަށިގަނޑު ބަރުކޮށްފައިވާ ކޮންޓެއިނާ ޓްރަކެއް އިޒްރާއިލްއިން ޣައްޒާއަށް ފޮނުވައިފިއެވެ. ނަމަވެސް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ މި ހަށިތަކާ ހަވާލުވާން ދެކޮޅު ހަދާފައެވެ. ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އެ ހަށިތަކާގުޅޭ އެއްވެސް މަޢުލޫމާތެއް ނެތްއިރު އެއީ ކޮންބައެއްކަން ވަކިކުރަންވެސް ނޭނގޭ ކަމުގައެވެ.
ފަލަޞްޠީނުންގެ ހެލްތް މިނިސްޓްރީން ވަނީ އިޒްރާއިލްއިން އުޞޫލާ ޚިލާފްވެފައިވާތީ, އެންމެ ކުޑަވެގެން އެއީ ކޮންބައެއްކަން ދެނެގަނެވޭނެ ގޮތެއްނެތި އިޒްރާއިލްއިން ފޮނުވާ ހަށިތަކުގެ ކޮންޓެއިނަރުތައް ޤަބޫލު ނުކުރާނެކަން އަންގާފައެވެ. އޭގެ ތެރޭގައި ފުރިހަމަ ނަމާއި, މަރުވި ގަޑި އަދި ހަށިތައް ގެނެވިފައިވާ ސަހަޙައްދު ހިމެނެއެވެ.
މިހަށިތައް ފޮނުވުމުގެ ކުރިން ދުރާލާ މިކަން އިޒްރާއިލްއިން އަންގާފައިވެސް ނުވާކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. ޢާންމު އުޞޫލުގެ ދަށުން މިހެން ފޮނުވާ ހަށިތައް ފޮނުވާނީ އެއީ ކޮންބައެއްކަން ދެނެގަނެވޭނެ މަޢުލޫމާތާއެކު, އަދި ކުރިން އިންތިޒާމްތައް ހަމަޖައްސައިގެންނެވެ.
"މިއީ އެންމެ ކުޑަމިނުން ފަލަޞްޠީނުގެ ރައްޔިތުންނަށް އޮތް ހައްޤު. އެމީހުންގެ އާއިލާތަކަށް އެމީހުންނަކީ ކޮންބައެއްކަން އެންމެކުޑަމިނުން އެނގެންޖެހޭ" ޣައްޒާގެ ހެލްތު މިނިސްޓްރީން ޓެލެގްރާމް މެސެޖިން އެޕްގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.
ވަކިން ދިން ބަޔާނެއްގައި ޣައްޒާގެ ސަރުކާރުގެ މީޑިއާއިން ބުނެފައިވަނީ މިފަދަ ގޮތަކަށް އިންސާނުންތަކެއްގެ ހަށިތަކުގެ "ޝިޕްމަންޓެއް" ފޮނުވުމަކީ ލާއިންސާނީ އަދި ޖިނާއީ އަމަލެއް ކަމުގައެވެ.
މެދުތެރޭ ޣައްޒާގެ ދިއެރް އެލް-ބަލަޙް އިން އަލްޖަޒީރާގެ ރިޕޯޓަރު ތާރެޤް އަބޫ-އައްޒޯމް އާ ޙަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަކްގައި ހުރި ހަށިތައް ވަނީ ވަރަށްބޮޑަށް ހަލާކުވެ ވިރާނާވާން ގާތްވެފައެވެ.
"ހަށިތަކަށް ބަލާލުމުން އެނގޭ މިހަށިތައް ފޮނުވާފައި މިވަނީ މަރުވިތާ އެތައްދުވަހެއް ވަންދެން އިޒްރާއިލްގައި ބަހައްޓާފައި ކަން" ތާރެޤް ބުނެފައިވެއެވެ.
ފަލަޞްޠީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިޒްރާއިލްގެ އަސްކަރިއްޔާގެ މިއަމަލަކީ ގަސްތުގައި ފަލަޞްޠީނުގެ ރައްޔިތުންގެ ހަށިތައް އެއީ ކޮންބައެއްކަން ސިއްރުކުރުމުގެ ގޮތުން ހިންގާފައިވާ އަމަލެކެވެ. އެއީ ކޮންބައެއްކަމެއް, އެމީހުންގެ ޖިންސެއް އަދި އެއީ ކޮންތަނަކުން ރަހީނުކުރި ބައެއްކަމެއްވެސް ނޭނގޭކަމުގައި މިނިސްޓްރީން ބުނެފައި ވެއެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް, އިޔާދް ގަދީހް މިޑްލް އީސްޓް އައި އަށް ބުދަ ދުވަހު މަޢުލޫމާތު ދިފައިވާ ގޮތުގައި މިއީ އިޒްރާއިލް އިން ކޮންބައެއްކަން ނޭނގޭ ހަށިތަކެއް މިގޮތަށް ފޮނުވި ފަސްވަނަ ފަހަރެވެ. އެހެންކަމުން މިހެން ފޮނުވާ ހަށިތަކާ ހަވާލުނުވާނޭ ކަމަށް އިޒްރާއިލްއަށް އަންގާފައިވާނޭ ކަމަށްވެސް އިޔާދް ބުނެފައި ވެއެވެ.
އޮގަސްޓް 2 ވަނަ ދުވަހުވެސް އިޒްރާއިލްއިން ވަނީ ޣައްޒާއަށް 90 މީހުންގެ މަރުވެފައިވާ ހަށިތައް ހިމެނޭ ޓްރަކެއް ފޮނުވާފައެވެ. މިނިސްޓްރީން ބުނެފައިވާގޮތުގައި އެހަށިތައްވެސް ވަނީ ފަނާވެ ނެތިދާން ކައިރިވެފައެވެ. އަދި ހަށިތަކާމެދު އަމަލުކޮށްފައިވަނީ ވަރަށް ރަހުމްކުޑަ އަދި އިންސާނިއްޔަތާ ޙިލާފަށް ކަމަށެވެ.
ރިއެކްޝަންސް