ހުޅުމާލޭގެ ވޯޓާ ތީމް ޕާކުގެ މަސައްކަތް އަލުން ފަށައިފި

ހުޅުމާލޭގެ ވޯޓާ ތީމް ޕާކުގެ މަސައްކަތް އަލުން ފަށައިފި

2 hours ago - 11:52
Advertisement
Advertisement

މަސައްކަތް ހުއްޓިފައި އޮންނަތާ ނުވަ އަހަރު ވެފައިވާ ހުޅުމާލޭގެ ވޯޓާ ތީމް ޕާކުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު އަލުން ފަށައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރު ވިދާޅުވީ، ގިނަ ދުވަސްތަކަކަށް ފަހު މި މަޝްރޫއުގެ މަސައްކަތް އަލުން ފެށިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި މަޝްރޫއު ތަރައްގީކުރާ ސޮލެންޒަރާ ހޯލްޑިންގްސްގެ ފަރާތުން ވާހަކަދައްކަވަމުން ޑޫކް ވިދާޅުވީ، މިއީ ދިވެހި ޒުވާނުންނާއި އާއިލާތަކަށް އުފާވެރި މާހައުލެއް ހޯދައިދޭނެ އުއްމީދީ މަޝްރޫއެއް ކަމަށެވެ. އަދި ހުޅުމާލޭގައި ހުސްވަގުތު ހޭދަކޮށްލަން އެކަށީގެންވާ ތަނެއް މިހާރު ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިއީ ރާއްޖޭގެ މުޖުތަމައުއާ ވަރަށް ބޮޑަށް ގުޅޭ ތަނަކަށް ވާނެ ކަމަށެވެ.

ރާއްޖޭގެ ފަރާތްތަކާ ގުޅިގެން ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތްކުރާނެ ކަމަށް، މި ރަސްމިއްޔާތުގައި ބައިވެރިވި އިންޓަކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕް (އައިއެޗްޖީ) ގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ރަޖިތު ސުކުމާރަން ވެސް ވިދާޅުވި އެވެ.

އެޗްޑީސީން ބުނި ގޮތުގައި:

  • މި މަޝްރޫއު ކުރިއަށް ގެންދަނީ ޖުމްލަ 41,549 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ދެ ބަޔަކަށް ބަހާލައިގެންނެވެ.
  • އޭގެ ތެރެއިން ވޯޓާ ތީމް ޕާކަށް ޚާއްސަކޮށްފައިވަނީ 17,800 އަކަމީޓަރެވެ.
  • މި މަޝްރޫއު އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސް ދުވަހުގެ މުއްދަތެކެވެ.
  • މި ތަން ހުޅުވުމުން 500 އަށް ވުރެ ގިނަ އައު ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ އެވެ.

އެޗްޑީސީން ފާހަގަކުރި ގޮތުގައި، މިއީ ހުޅުމާލޭގެ މޫނުމަތި ބަދަލުކޮށްލާނެ އަދި ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް ވެސް ބޮޑު ދިރުމެއް ގެނެސްދޭނެ ބިޔަ މަޝްރޫއެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement