
ރާއްޖޭގެ 18 ރަށެއްގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރަނީ
ރާއްޖޭގެ 18 ރަށެއްގައި 38 މެގަވޮޓްގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިއީ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނަރޖީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކުރުން ކަމަށާއި، މީގެ ސަބަބުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ ލަނޑުދަނޑި ޙާޞިލްކުރެވޭނެކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ސިސްޓަމްތައް ޤާއިމްކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށާއި, އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުޞަތު ފަހިވެގެންދާނެކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ. އަދި އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތްކުރެވޭނެކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ޝިޖިއާޒުއާންގް ކެލިން އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ ގައުޑިއަން ނަންޖިން އޮޓޮމޭޝަން ކޯ، ލިމިޓެޑް އަދި ސިނޯ ސޯއާ ހައިބްރިޑް (ބެއިޖިން) ޓެކްނޮލޮޖީ ކޯ، ލިމިޓެޑާއި ކަމަށެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހީމެވެ. އަދި ކެލިން އިލެކްޓްރިކް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ވަންގް ޔޮންގެވެ.
ރިއެކްޝަންސް






