އެމްޓީސީސީގެ މުވައްޒަފުންނަށް ހުޅުމާލޭގައި 25 ފްލޯގެ ޓަވަރެއް އަޅަނީ

އެމްޓީސީސީގެ މުވައްޒަފުންނަށް ހުޅުމާލޭގައި 25 ފްލޯގެ ޓަވަރެއް އަޅަނީ

13 hours ago - 15:54

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްޓީސީސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން 25 ފްލޯގެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް ޑިޒައިންކޮށް، ފައިނޭންސް ކުރުމާ އެކު އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، "ޑިޒައިން-ބިލްޑް-ފައިނޭންސް" އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު (އީއޯއައި) މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 12،015 އަކަފޫޓުގެ ބިމެއްގައި އަޅާ މި އިމާރާތުގެ ބިލްޓް-އަޕް އޭރިއާއަކީ 8،982 އަކަފޫޓެވެ. މި ޓަވަރުގެ ފްލޯތައް ބަހާލަން ހަމަޖެހިފައިވާ ގޮތަކީ:

  • ގްރައުންޑް އަދި ފަސްޓް ފްލޯ: ވިޔަފާރި ބޭނުންތަކަށް ހާއްސަ ކޮމާޝަލް ސަރަހައްދު
  • ދެވަނަ ފްލޯއިން ފެށިގެން 25 ވަނަ ފްލޯއަށް: އަގުހެޔޮ ބޯހިޔާވަހިކަމުގެ އެޕާޓްމަންޓްތައް

މަޝްރޫއު ހަވާލުކުރާ ފަރާތުން ސައިޓުގެ މާސްޓަ ޕްލޭނިން އާއި އާކިޓެކްޗަރަލް އިންޖިނިއަރިންގެ މަސައްކަތްތަކުގެ އިތުރުން، ފައިނޭންޝަލް މޮޑެލިން އާއި ޓާންކީ އުސޫލުން މުޅި އިމާރާތް އެއްކޮށް ނިންމަން ޖެހޭނެއެވެ.

މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި 10 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު ރިއަލް އެސްޓޭޓް މަޝްރޫއުތަކަށް ފައިނޭންސިން ހޯދުމުގެ ގާބިލުކަން ހުރުމާއި، ފާއިތުވި ތިން އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހެޅުން ހިމެނެ އެވެ. އަދި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެ ފެންވަރުގެ މަދުވެގެން ތިން މަޝްރޫއެއް ލީޑް ޑިވެލޮޕަރެއްގެ ގޮތުގައި ފުރިހަމަކޮށްފައިވާ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން tenders@mtcc.com.mv އަށް އީމެއިލް މެދުވެރިކޮށް އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 22 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow