ގެސްޓްހައުސްއެއްގައި އަންހެނަކު ރޭޕްކުރި މީހަކު 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ސާބިތުވެ، ފިރިހެނަކު 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ލ. މާބައިދޫ، ކަޑުރޯޅި، އިސްމާއީލް ޖުމާންގެ މައްޗަށެވެ.
މި ހާދިސާ ހިނގާފައިވަނީ 23 މާޗް 2022 ވީ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. ދައުލަތުން ކޯޓުގައި ބުނެފައިވަނީ، ޖުމާން އެ އަންހެން މީހާ މާލޭގެ ގެސްޓްހައުސްއަކަށް ގެންގޮސް އޭނާގެ ނުރުހުމުގައި ގަދަކަމުން ރޭޕްކޮށްފައިވާ ކަމަށެވެ. ނަމަވެސް، ދައުލަތުން ކުރި ރޭޕްކުރުމުގެ ކުށުގެ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އަދި ޝަރީއަތުގައި ޖުމާން ބުނެފައިވަނީ އެ ގެސްޓްހައުސްގައި އެ ދެމީހުން ތިބީ ހަމައެކަނި ވާހަކަދައްކަން ކަމަށެވެ.
އެހެންނަމަވެސް، މި މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނެރުއްވި ހުކުމުގައި ބަޔާންކުރައްވާފައިވަނީ، މައްސަލައިގައި ހުށަހެޅުނު ޑީއެންއޭ ތަހުލީލު ރިޕޯޓާއި، ސީން އޮފް ކްރައިމް އޮފިސާސް (ސޯކޯ) ރިޕޯޓް އަދި މެޑިކޯ ލީގަލް ރިޕޯޓަށް ބެލުމުން އަނިޔާ ލިބުނު ފަރާތާއެކު ޖުމާން ޖިންސީ އަމަލު ހިންގާފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާގެ ހަށިގަނޑުގެ އެކި ތަންތަނުން ނެގި ސާމްޕަލްތަކުން ޖުމާންގެ ޑީއެންއޭ ފެނިފައިވާކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، އަނިޔާ ލިބުނު ފަރާތުގެ މެޑިކޯ ލީގަލް ރެކޯޑުން އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަން އެނގެން އޮތް ކަމަށާއި، އޭނާގެ ކަރުގައި ވެސް ރަތްވެފައިވާ ނިޝާންތަކެއް ހުރިކަން އެނގޭ ކަމަށް ހުކުމުގައިވެއެވެ. އަދި ދެމީހުންގެ ރުހުމުގައި މިފަދަ ކަމެއް ހިންގިނަމަ އެ ބާވަތުގެ އަނިޔާތަކެއް ނުފެންނާނެ ކަމަށް ވެސް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ޖުމާން އެ އަމަލު ހިންގާފައިވަނީ އެ ކުށް ކުރުމުގެ ގަސްދު އޮވެގެން އަދި އެކަން ކުރަނީ އަނިޔާ ލިބުނު ފަރާތުގެ ނުރުހުމުގައިކަން އެނގިހުރެ ކަމަށެވެ. އެހެންކަމުން، ރޭޕްކުރުމުގެ ކުށް އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 15 އަހަރު ދުވަހުގެ މުއްދަތަކަށް އޭނާ ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ރިއެކްޝަންސް





