ދިވެހިރާއްޖެއަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި
ދިވެހިރާއްޖެއަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސައުތު އޭޝިއަން ޔުނިވަރސިޓީ (އެސްއޭޔޫ) ގެ ރައީސް ޕްރޮފެސަރ ކޭ. ކޭ. އަގަރްވާލްއާ އެކު މިއަދު މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ޕްރޮފެސަރ ކޭ. ކޭ. އަގަރްވާލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސައުތު އޭޝިއަން ޔުނިވަރސިޓީއާ ދެމެދު މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލުބަދަލުކުރައްވާފައިވެއެވެ. ޚާއްޞަކޮށް ދެފަރާތުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުގެ ތެރެއިން ޞިއްޙަތާއި މޫސުމީ ބަދަލުތަކުގެ ދާއިރާއިން ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި، ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު ދެބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ އިތުރު ދޮރުތައް ހުޅުވާލަދިނުމުގެ މަޤްޞަދުގައި، އެސްއޭޔޫއާއި ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު ގުޅުން ޤާއިމުކޮށް، އެ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރިއެކްޝަންސް





