ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު ވަޤްފު ޢިމާރާތް "ދާރުއްސަލާމް"ގެ ފައުންޑޭޝަން ކޮންކްރީޓް މަސައްކަތް ފަށައިފި
ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު ވަޤްފު ޢިމާރާތް ކަމަށްވާ "ދާރުއްސަލާމް" ގެ ފައުންޑޭޝަން ކޮންކްރީޓް މަސައްކަތް ފަށައިގެން ބާރަށް ކުރިއަށް އެބަދެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކުރުމަށާއި، އިސްލާމީ ދާއިރާއަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ މަންފާ ލިބޭނެ މަގުތައް ފަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. ޖުމްލަ 244 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ބިންގާ ރައީސް ޑރ. މުޢިއްޒު އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އަދި މި ޢިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.
ހުޅުމާލޭގެ އަމީން އެވެނިއު ކުރިމަތީގައި އޮންނަ ބިމުގައި ތަރައްޤީކުރާ މި ޢިމާރާތުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ.
ޒަމާނީ ވަސީލަތްތަކާއެކު 13 ފަންގިފިލާއަށް އުސްކޮށް ބިނާކުރާ މި ޢިމާރާތަކީ ތަފާތު އެކި ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެހެން ފަރުމާކުރެވިފައިވާ ތަނެކެވެ. އެގޮތުން، ތަނުގެ ގްރައުންޑް ފްލޯގައި ރިސެޕްޝަން ސަރަޙައްދަކާއި ޕާކިންގ ވަސީލަތްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުންވެސް، މި ޢިމާރާތުގައި ޚާއްޞަ ޕާކިންގ ސަރަޙައްދެއް ހިމެނޭނެއެވެ.
މި ޢިމާރާތުގައި ހިމެނޭ އިތުރު ވަސީލަތްތަކަށް ބަލާއިރު، ޒަމާނީ ފެންވަރުގެ އޮފީސް ޖާގަތަކާއި، ކޮންފަރެންސް ހޯލަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދުކުރާ ކޮޓަރިއެއް ހިމެނެއެވެ. އަދި އޮފީސް މާޙައުލުގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޑޭ ކެއަރ ސެންޓަރެއްވެސް މި ޢިމާރާތުގައި ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ވަދެނިކުމެ އުޅެވޭނެ އިންތިޒާމުތަކާއެކު، ލިފްޓުގެ ޚިދުމަތްވެސް މި ޢިމާރާތުގައި ޤާއިމްކުރެވިގެންދާނެއެވެ. އަދި މީގެއިތުރުން، ޢިމާރާތުގެ އެންމެ މަތީ ފަންގިފިލާ ނުވަތަ ރޫފް ޓޮޕް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހިތްގައިމު އޯޕަން ޓެރަސްއެއްގެ ގޮތުގައެވެ.
ރިއެކްޝަންސް

