ރަޝްވާންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިފި
މާލޭގެ ގެއެއް ކަމަށްވާ ހ. މާދޫގޭގައި ފުޅާ ދާއިރާއެއްގައި މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދިނުމުގެ ވިޔަފާރިކުރުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރެވޭ ދިވެހި މީހާގެ ބަންދުގެ މުއްދަތު ކޯޓުން އަނެއްކާވެސް އިތުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ކަރޯގެ، މުޙައްމަދު ރަޝްވާން ޢައްބާސް (53އ) އެވެ. އޭނާ ހައްޔަރުކުރުމަށްފަހު އެންމެ ފުރަތަމަ ޖެހި 15 ދުވަހުގެ މުއްދަތަށްފަހު، މިހާތަނަށް ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އެހެންކަމުން ރަޝްވާން މިހާރު ވަނީ ބަންދުގައި އެއް މަސްދުވަސް ހޭދަކޮށްފައެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި ރަޝްވާނަކީ ބިދޭސީންތަކެއް ނިވާފަތްގަނޑަކަށް ހަދައިގެން، އިންތިޒާމުވެގެން ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކުމުގެ ވިޔަފާރި ހިންގުމުގައި އިސްކޮށް އުޅުނު މީހާއެވެ.
މި މައްސަލައިގެ ބަންދު މަޖިލީހުގައި ރަޝްވާންގެ ވަކީލު ވަނީ، އޭނާގެ މުވައްކިލު މިހާރުވެސް އެކަށީގެންވާ މުއްދަތަކަށް ބަންދުގައި ހުރި ކަމަށް ބުނެ، ބަންދުން ދޫކޮށްލުމަށް އެދިފައެވެ. ނަމަވެސް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލައަކީ މާލޭގައި ޤަވާޢިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް، 826 ފުޅި ބަނގުރަލާއެކު ބަންގްލަދޭޝްގެ ތިން މީހަކުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރިއެކްޝަންސް





