އިންފުލުއެންޒާއާއި އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
މި ދުވަސްވަރު ރާއްޖޭގައި އިންފުލުއެންޒާއާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ޢާންމުކުރި މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު އިންފުލުއެންޒާ އަދި އަރިދަފުސް ރޯގާ ޖެހިގެން ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ރިޕޯޓްކުރާ މީހުންގެ ޢަދަދު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ.
އެހެންކަމުން، މި ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ޢާންމު ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
އިންފުލުއެންޒާ ޖެހުމުން ފެންނަ ޢާންމު ޢަލާމާތްތަކުގެ ތެރޭގައި ހުންއައުން، ގައިގައި ރިހުން، ވަރުދެރަވުން، ކަރުގައި ރިހުން، ނޭފަތް ބެދުން އަދި ނޭފަތުން ފެންއައުން ފަދަ ކަންކަން ހިމެނެއެވެ.
މީގެއިތުރުން، ރޯގާޖެހި ޙާލަތު ރަނގަޅުނުވެ ތިން ދުވަހަށްވުރެ އިތުރުވާނަމަ، ނުވަތަ ބަލީގެ އުނދަގޫތައް ބޮޑުވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފައާއި ފަރުވާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
ރިއެކްޝަންސް





