2040 ގެ އަމާޒަށް ވާސިލުވުމަށް އިއާދަކުރަނިވި ހަކަތައާއި ތިމާވެއްޓަށް އިންވެސްޓްކުރަންޖެހޭ: ފިނޭންސް މިނިސްޓަރު
ދިވެހިރާއްޖެއަކީ 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި، އިއާދަކުރަނިވި ހަކަތައާއި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމް ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންގެ އާންމު ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ. ހާއްސަކޮށް ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމުގައާއި ރަށްތައް ހިމާޔަތްކުރުމުގައި ކަނޑުގެ ދިރުންތަކަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރާވައި ފައިނޭންސް ކުރުމުގައި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ވަރުގަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި އަސާސީ ހިދުމަތްތައް ރައްކާތެރިކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުގެ އިތުރުން ބައިނަލްއަގުވާމީ އެހީއާއި ލުއި ލޯނު އެހީ އަދިވެސް ބޭނުންތެރި ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ބޮޑުނުވާނެ ގޮތަކަށް މިފަދަ ކަންކަން ހަމަޖެއްސުމަށްޓަކައި، އަމިއްލަ ފަރާތްތަކުގެ ކެޕިޓަލް އިންވެސްޓްމަންޓްތަކާއި މާލީ އިދާރާތަކުގެ ދިގުމުއްދަތުގެ އިންވެސްޓްމަންޓްތައް ހޯދުން މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހަކަތައިގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ފުއްދުމެވެ. މިނިސްޓަރު ވިދާޅުވީ، އެ އަމާޒަށް ވާސިލުވުމަށް ބޮޑެތި އިންވެސްޓްމަންޓްތަކާއި ބައިނަލްއަގުވާމީ ގުޅުންތައް ބޭނުންވާ ކަމަށާއި، އިއާދަކުރަނިވި ހަކަތަ ފުޅާކުރުމުން ރާއްޖެއަށް އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށެވެ.
ރިއެކްޝަންސް

