2028 އަށް ރައީސް ޑރ. މުޢިއްޒުއާ އެކު މިތިބީ ގަދަކޮށް: ޢަބްދުއްރަޙީމް
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ގޮނޑި ކާމިޔާބުނުކުރެވުނަސް، ލިބުނު ނަތީޖާއާއެކު ހިތްވަރު ލިބިގެން 2028 ވަނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެކު އަމާޒު ހިފައިގެން ގަދަކޮށް ހުންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވީ މިއަދު ބޭއްވުނު ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާ އިޢުލާނުކުރުމާ ގުޅިގެން، މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު އެވެ. ސޯދިގަށް 1375 ވޯޓު (51.15 އިންސައްތަ) ލިބިވަޑައިގެންނެވިއިރު، ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުއަށް ލިބިވަޑައިގަތީ 1313 ވޯޓު (48.85 އިންސައްތަ) އެވެ. ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތީ 62 ވޯޓުގެ ފަރަގެކެވެ.
ޢަބްދުއްރަޙީމްގެ ޕޯސްޓުގައި ވަނީ ކެންޑިޑޭޓް އަޙްމަދު ސަޢީދަށް ވޯޓުދެއްވި އެ ދާއިރާގެ ހުރިހާ ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވައިފައެވެ. "އަޙްމަދު ސަޢީދު ކުރެއްވި މަސައްކަތާ ހިތްވަރަށް ސާބަސްދެން. ކެމްޕެއިންޓީމުގެ މަސައްކަތަށް ތަޢުރީފު ޙައްގު. އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް،" އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިތަކުން ސަޢީދު ވަނީ 34 ވޯޓުގެ ތަފާތުން ކުރި ހޯއްދަވައިފައެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ ބަދަލުވެގެންދިޔައީ މާލޭގައި ބެހެއްޓި ވޯޓު ފޮށިން އެމްޑީޕީގެ ކެންޑިޑޭޓަށް ބޮޑު ތަފާތެއް ލިބުމާ ގުޅިގެންނެވެ.
ޢަބްދުއްރަޙީމްގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވީ، "އިންޝާ الله، މިއަދުން ހިތްވަރު ލިބިގެން 2028 އަށް ރައީސް މުޢިއްޒާ އެކު މިތިބީ އަމާޒު ހިފައިގެން ގަދަކޮށް،" ކަމަށެވެ. އައްޑޫ ބައި-އިލެކްޝަނުގެ ކެމްޕޭންގައި ޢަބްދުއްރަޙީމް ވަނީ ޕާޓީގެ ލީޑަރޝިޕާއެކު އަމަލީގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.
މީގެއިތުރުން، އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ކެމްޕޭން މެނޭޖަރު އަދި ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، މި ނަތީޖާއިން ކުރިމަގުގެ ރާސްތާ ފެނިގެން ހިނގައްޖެ ކަމަށާއި، އާ ފެށުމަކާއެކު ޕާޓީގެ މަސައްކަތްތައް އިތުރަށް ފުޅާކުރައްވާނެ ކަމަށެވެ.
ރިއެކްޝަންސް

