"އަދަދު" ނޫހުގެ ސީއީއޯ ފިޔާޒްއާއި ހަސަނުގެ ޝަރީއަތް މާދަމާ ފަށަން ތާވަލުކޮށްފި

"އަދަދު" ނޫހުގެ ސީއީއޯ ފިޔާޒްއާއި ހަސަނުގެ ޝަރީއަތް މާދަމާ ފަށަން ތާވަލުކޮށްފި

1 hour ago - 12:46

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ގަޛުފުގެ ތުހުމަތު އަޅުވައި، "އަދަދު" ނޫހުން އާންމުކުރި ޑޮކިއުމަންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.


މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00 އަށެވެ. ކްރިމިނަލް ކޯޓުގެ ބީ 1 ސެކްޝަނުން މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހީމް ޒިހުނީ އެވެ. ކޯޓުން ނިންމާފައިވަނީ މި އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށެވެ.


ފިޔާޒާއި ހަސަނުގެ މައްޗަށް ދައުވާ ކުރަނީ "އަދަދު" ނޫހުން ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި ގަޛުފުގެ ތުހުމަތު އަޅުވައި، ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއަކާ ގުޅިގެންނެވެ. ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުން މި ދެ ބޭފުޅުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޛުފުގެ ކުށުގައެވެ.


މި މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" ނެރެފައެވެ. އެ އަމުރުގައިވަނީ، ކޯޓުން މި މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ވީޑިއޯ ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް އަންގާފައެވެ.


ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އަމުރަށް ބޯނުލަނބާ ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެއެވެ. ނަމަވެސް، "އަދަދު" ނޫހުން މިހާތަނަށްވެސް ކޯޓު އަމުރާ ހިލާފުވަމުންދާކަން ފާހަގަކުރެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow