ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީއަށް ސިނާން އާއި ސައީދު ކުރިމަތިލައްވައިފި

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީއަށް ސިނާން އާއި ސައީދު ކުރިމަތިލައްވައިފި

6 hours ago - 00:04
Apr 20, 2026 - 00:04

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގައި، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވުމަށް އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) ކުރިމަތިލައްވައިފިއެވެ.


ޕީއެންސީގެ ޓިކެޓަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދު ހަވީރު 6:00 އާ ހަމައަށް ހުޅުވާލި ފުރުސަތުގައި ނަން ހުށަހެޅުއްވީ މި ދެ ބޭފުޅުން އެކަނި ކަމަށް މައުލޫމާތު ލިބެއެވެ. މި ދާއިރާގެ ގޮނޑި ހުސްވީ، ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ފައިސާ ނުދެއްކި މައްސަލައެއްގައެވެ.


ޕްރައިމަރީގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) އަކީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ މޫލެކެޑެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ބޭފުޅެކެވެ. އެ އިންތިހާބުން އޭނާ ބަލިވީ އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް އެންމެ 9 ވޯޓުގެ ތަފާތުންނެވެ. ސައީދު ވިދާޅުވީ ޕީއެންސީއަށް މި ގޮނޑި ކާމިޔާބުކޮށްދެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.


ޕީއެންސީގެ ޕްރައިމަރީ މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ ލިސްޓު މާދަމާ އެ ޕާޓީގެ ވެބްސައިޓުގައި އާންމުކުރާނެއެވެ. ޕްރައިމަރީގައި ވޯޓުލެވޭނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށެވެ.


މި ގޮނޑިއަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެ ޕާޓީން އިތުރު ބޭފުޅަކު ކުރިމަތިނުލާތީ ސޯބެއަށް ވަނީ މިހާރު ޓިކެޓު ކަށަވަރުވެފައެވެ. މީގެ އިތުރުން އަހުމަދު ސައީދު (ނަޔާ) އާއި މުހައްމަދު އަލީ ވެސް މި ގޮނޑިއަށް ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow