ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓު ސޯބެއަށް ކަށަވަރުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކަށް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) ހަމަޖައްސައި އެކަން އެ ޕާޓީން އިއުލާންކޮށްފިއެވެ.
އެމްޑީޕީން ބުނި ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޕްރައިމަރީގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި، މުއްދަތު ހަމަވިއިރު ކުރިމަތިލާފައިވަނީ އެންމެ މެންބަރެކެވެ. އެއީ ސ. ހިތަދޫ، ކައުސަރު، އަބްދުﷲ ސާދިގު (ސޯބެ) އެވެ. އެހެން އެއްވެސް ފަރާތަކުން މި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، ޕާޓީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެމްޑީޕީގެ ރަސްމީ ކެންޑިޑޭޓަކީ ސޯބެ ކަމަށް އެ ޕާޓީން ވަނީ ކަނޑައަޅާފައެވެ.
ސޯބެއަކީ ސިޔާސީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވާފައެވެ. މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް އޭނާ ކުރެއްވިއެވެ. ސޯބެ މިހާރު ހުންނެވީ އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ ރައީސްގެ މަގާމުގައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާ ތަމްސީލު ކުރަމުންދިޔަ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން، އޭނާގެ މެންބަރުކަމުގެ ޝަރުތު އުނިވެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ސިނާނުގެ މައްޗަށް ސާބިތުވީ އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކާ އޮތް މައްސަލައެކެވެ. މި މައްސަލަ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ، ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާތީ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
މި ބައި-އިލެކްޝަންގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ސޯބެގެ އިތުރުން ގޮނޑި ގެއްލުނު ސިނާންވެސް ވަނީ ފާޅުކުރައްވާފައެވެ. ގާނޫނުގައިވާ ގޮތުން މަޖިލިސް މެންބަރެއްގެ ގޮނޑި ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރަންޖެހެއެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށެވެ.
ރިއެކްޝަންސް

