މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކެނޑުމުން އަރީޝް ކަންބޮޑުވުން ފާޅުކުރައްވައިފި
މިދިޔަ ފަސް އަހަރުގެ ތެރޭގައި، މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކެނޑިގެންދިޔަ ފުރަތަމަ އީދަކީ މިއީ ކަމަށް ވިދާޅުވެ މާލެސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މުޅި ގްރޭޓަރ މާލެ ސަރަޙައްދުގެ އެކި ހިސާބުތަކުން އީދު ތަކުބީރުގެ އަޑު ގުގުމަމުންދިޔަ ކަމަށެވެ. އަދި ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މާލެ ސިޓީ ކައުންސިލުން މެދުނުކެނޑި އެ މާތް އާދަ ހިފަހައްޓަމުން ގެންގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ރައީސް ޑރ. މުޢިއްޒުގެ މޭޔަރުކަމުގައި މާލޭގެ ކޮންމެ މަގަކުންވެސް އިވެމުންދިޔައީ ތަކުބީރުގެ އަޑު. އެއީ މުޅި މާލެއަށް އީދުކަމުގެ އިހުސާސް ގެނުވައިދިން ކަމެއް،" އަރީޝް ވިދާޅުވިއެވެ.
ނަމަވެސް މިއަދުގެ އީދުގައި މާލެއިން ފެންނަނީ މުޅިން ތަފާތު މަންޒަރެއްކަމަށާއި، މާލޭގެ މަގުތަކުން އެ މާތް އަޑު ކެނޑި، މުޅި މާހައުލު ބަދަލުވެފައިވާކަމަށް އަރީޝް ވިދާޅުވިއެވެ. އަރީޝް ތުހުމަތުކުރެއްވި ގޮތުގައި މިއީ އެމްޑީޕީ އަށް ކިރިޔާވެސް ބާރެއް ލިބުމުން ކަންކަން ބަދަލުވެގެންދާ ގޮތެވެ.
ރައީސް ޑރ. މުޢިއްޒު މާލެސިޓީގެ މޭޔަރުގެ ގޮތުގައި ހުންނެވިއިރު، އިސްލާމީ ވަހުދަތު ކުރިއެރުވުމަށާއި އީދުގެ އުފާވެރިކަން އިތުރުކުރުމަށް މާލޭގެ މަގުތަކުގައި ކުލަ ބޮކި ދިއްލުމާއި، އީދު ތަކުބީރުގެ އަޑު އިވޭނެ އިންތިޒާމުތައް ވަނީ ފައްޓަވާފައެވެ. ނަމަވެސް މިއަހަރުގެ އީދުގައި އެ އިންތިޒާމުތައް ނެތުމުން ގިނަ ބަޔަކު ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.
ރިއެކްޝަންސް

